އަންހެން ކުދިން ލީޑަރުންނަށް ހެދުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދޭނަން: ރައީސް މުޢިއްޒު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހއ.އުތީމަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ކުއްޖަކާ ސަލާމް ކުރައްވަނީ.
އަންހެން ކުދިން ލީޑަރުންނަށް ހެދުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދޭނެ ކަމަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރަައީސް މުޢިއްޒު އެހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރަމުން އަންނަ އަންހެން ކުދިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ޙައްގުތައް ރައްކާތެރިކޮށް، ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ރާއްޖެ އިން ބައިވެރިވާ ކަމަށެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، އަންހެން ކުދިން އަދި ޒުވާން އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމާ އެކު، އަންހެން ކުދިންނަކީ ލީޑަރުންގެ ގޮތުގައި ބައްޓަންކުރަން ބޭނުންވާ ފުރުސަތު އެމަނިކުފާނުގެ ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށެވެ. ޤައުމުގެ ތަރައްޤީގައި އަންހެން ކުދިންނަށް ބޭނުންތެރި ދައުރެއް އަދާކުރެވޭނެ ސިޔާސަތުތައް ޤާއިމުކޮށް، އެކަންކަން ތަންފީޒުކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.
ހަމައެހެންމެ އަންހެން ދަރިންތަކެއް ބިނާކުރުމަށް މިއަދު ކުރެވޭ ހޭދައަކީ، މާދަމާ އަށް ބޭނުންތެރި ކަމެއް ކަމަށާއި، އެއީ ހުރިހާ އެންމެން ހަމަހަމަކޮށް ބައިވެރިވާ އަދި އުޖާލާ މުސްތަޤުބަލެއް ހޯދުމަށް ކުރެވޭ ހޭދައެއް ކަމަށް ވެސް ރަައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް