ދުނިޔެ

ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ، ފީފާއެއް 100 ޑޮލަރުން މައްޗަށް

ފާތިމަތު

ލިޔުންތެރިޔާ

ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ، ފީފާއެއް 100 ޑޮލަރުން މައްޗަށް

ތެޔޮ ފީފާތަކެއް---

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް އަރައިފިއެވެ.

ތެލުގެ އަގު މިހާވަރަށް މި އުފުލުނީ ޖުލައި މަހުގެ ފަހުކޮޅު އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން އުވާލި ފަހުން ފުރަތަމަ ފަހަރަށެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އިރާނާއި އެމެރިކާއާ ދެމެދު ފެށުނު ހަނގުރާމައިގެ ތެރޭގައި ތެލުގެ އަގު ވަނީ އުފުލިފައެވެ.

ފެބްރުއުއަރީ މަހާ ހަމައާ ޖެހެދެން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ ދުނިޔޭގެ ބާޒާރުގައި 50 ޑޮލަރާއި 60 ޑޮލަރާ ދެމެދުގެ އަގެއްގައެވެ.

އެހެންނަމަވެސް އީރާނާއި އެމެރިކާއާ ދެމެދު ހަމަލާތައް ބަދަލުކުރުމުގެ ތެރޭގައި ބައެއް ތެޔޮ ކާރުހާނާތަކަށް ހަމަލާދީ، ތެޔޮ އުފުލާ ބައެއް ބޯޓު ފަހަރަށް ހަމާލާދީ އަދި އެންމެ ގިނަ ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުކުރާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އެ އަގު އުފުލުނެވެ.

އެގޮތުން ފެބުރުއަރީ މަހު 70 ޑޮލަރަށް އެ އަގު އުފުލި، ޖެހިގެން އައި މާޗުމަހު ތެލުގެ އަގު 100 ޑޮލަރަށް އުފުލުނެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް ދުނިޔޭގެ ބާޒާރުގައި ތެލު ގެއަގު އުފުލުނީ އޭޕްރީލް މަހުގައެވެ. އެ މަހު ސާފުނުކުރާ ތެޔޮ ފީފާއެއް 2022 ގެ ފަހުން 120 ޑޮލަރަށް އުފުލުނެވެ.

ތެލުގެ އަގު އެވަރަށް އެންމެ ފަހުން އުފުލުނީ 2022 ވަނަ އަހަރު ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުންނެވެ. އެ އަހަރު ތެލުގެ އަގު 140 ޑޮލަރާ ހަމައަށް އުފުލުނެވެ.

ނަމަވެސް މިއަހަރު އޭޕްރީލް މަހު 120 ޑޮލަރަށް ތެލުގެ އަގު އުފުލު ނަމަވެސް އޭގެ ފަހުން ތެލުގެ އަގު ވަނީ 100 އިން ދަށްވެފައެވެ. މިދިޔަ މަހާހަމައާސް އޭގެ ފަހުން އަގު ހުރީ 90 ޑޮލަރާއި 80 ޑޮލަރާ ދެމެދު އަގެއްގައެވެ. ނަމަވެސް މިހާރު ތެލުގެ އަގު އަނެއްކާ ވެސް ވަނީ 100 އިން މައްޗަށް އުފުލިފައެވެ.

މިއަދު އެމެރިކާއިން ވަނީ އީރާނުގެ ތެޔޮ އުފުލާ ފަސް ޓޭންކަރަކަށް ހަމަލާދީފައެވެ. މީގެ ތެރެއިން ހަތަރު ޓޭންކަރަކީ އޮމާން ކަނޑުގައި އޮތް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އާ ގުޅުންހުރި އުޅަނދުތަކެއް ކަމަށާއި، އަނެއް ޓޭންކަރަށް ހަމަލާދިނީ ޚާރްގް ޖަޒީރާ ކައިރިން ކަމަށް އެމެރިކާއިން ބުނެއެވެ.

އޭގެ ރަށްދު ހަމަލާގެ ގޮތުން އިރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާގެ ދެ އުޅަނދަކަށާއި، ތެޔޮ އުފުލާ އަށް ޓޭންކަރެއްގެ އިތުރުން ގަވާއިދާ ޚިލާފުވި 10 އުޅަނދަކަށް ހަމަލާދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް