ޚަބަރު

މުހިންމު މަސައްކަތް ތަކެއް ހުރުމުން މަޖިލީހުގެ ދައުރު އިތުރު ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މުހިންމު މަސައްކަތް ތަކެއް ހުރުމުން މަޖިލީހުގެ ދައުރު އިތުރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ.

މުހިންމު މަސައްކަތް ތަކެއް ހުރުމުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރު އިތުރު ކުރުމަށް ނިންމައިފި އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ މި ހިނގާ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރު އިތުރު ކުރުމަށެވެ. މަޖިލީހުގެ ދައުރު އިތުރު ކުރުމަށް ނިންމާފައި ވަނީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ ވަނީ، ނިންމަން ޖެހޭ މުހިންމު މަސައްކަތް ތަކެއް ހުރުމުން މަޖިލީހުގެ ދައުރު އިތުރު ކުރުމަށް ހުށަހަޅުއްވައިފަ އެވެ. މަޖިލީހުގައި މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތަކީ، ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ މަސައްކަތެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވަން ޤަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ޖަލްސާތައް ތިން ދައުރަކަށް ބަހާލައިގެން ބާއްވަން ޖެހޭނެ އެވެ. ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ފެބްރުވަރީ މަހުން، މެއި މަހަށެވެ. އަދި ދެ ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ޖޫން މަހުން، އޯގަސްޓު މަހަށެވެ. ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ އޮކްޓޫބަރުން ފެށިގެން، ނޮވެމްބަރު މަހަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް