ޚަބަރު

"ރަސްމާލޭގެ ބިމުން އިންޗިއެއް ވެސް ނުވިއްކަން، އުސޫލުގެ ތެރެއިން ދިނީ ކުއްޔަށް"

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

"ރަސްމާލޭގެ ބިމުން އިންޗިއެއް ވެސް ނުވިއްކަން، އުސޫލުގެ ތެރެއިން ދިނީ ކުއްޔަށް"

މިނިސްޓަރު ޒަރީރު ---

ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ނުވިއްކާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ އީގަލް ހިލްއަށް ޖުމުލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓުމަންޓެއް ރަސްމާލޭގައި ކުރުމަށް އެ ރަށުން ބިން ނުވިއްކާކަމަށެވެ.

އިއްޔެ ވަނީ ރާއްޖޭގަައި ހިންގޭ އެންމެ ބޮޑު އިންވެސްޓްމެންޓުގެ ގޮތުގައި ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރަން އީގަލް ހިލްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަބޫދާބީގެ މަޝްހޫރު ޑިވޮލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ކުރެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އީގަލް ހިލްސްގެ ޗެއާމަން އަދި ފައުންޑަރ މުހައްމަަދު އަލައްބާރު އަދި ދިވެހިރާއްޖޭގެ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެވެ.

މި މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ފާހަގަކޮށް އީގަލް ހިލްސްއިން ބުނެފައިވަނީ މި މަޝްރޫއުގެ ތެރެއިން ރަސްމާލޭގައި ރިސޯޓުތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓަލްތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރަށް ދުނިޔޭގެ ފެންވަރުގެ މެރީނާ އަދި ވޯޓާފްރޮންޓުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ޖުމްލަ ޚަރަދުވެގެންދާ ފައިސާ އަކީ އެއްފަހަރާ ޚަރަދުވެގެންދާ އަދަދު ނޫން ކަމަށާއި 20 ބިލައަން ޑޮލަރަކީ މި މަޝްރޫއުގެ އެކި ފިޔަވަހިތަކަށް ބަހައިލެވިގެން ޚަރަދުކުރެވޭ އަދަދެއްކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމެންޓު ލިބޭނެ ކަަމަށާއި މީގެ ތެރެއިން 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމެންޓް ހިމެނިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54000 އަށްވުރެެ ގިނަ ވަޒީފާތައްް އުފެދިގެންދާނެ އެވެ.

ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގައި މިހާރު ވެސް ރިސޯޓްތައް ހިންގަން 99 އަހަރަށް ރަށްރަށް ކުއްޔަށް ދޭ އުސޫލުން ރަސްމާލޭން ބިން ކުއްޔަށް ދިނުމުގެ އެއްބަސްްވުމެއް ކަމަށެވެ.

އެގޮތަށް ރަށްތައް ކުއްޔަށް ދީފައިވާ ތަންތަނުގައި ބޭރުގެ އިންވެސްޓަރުން މިހާރު ވެސް ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް