ބްލެކު މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރާ ދެ ބިދޭސީން ހައްޔަރުކޮށްފި
އަލީ އީމާން
ލިޔުންތެރިޔާ
އިމިގްރޭޝަންގެ ބަންދުގެ ދަށަށް ގެންގޮސްފައިވާ އަބޫ ތާހިރު އަދި އެމްޑީ މަސްއޫދު އަހުމަދު
ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފި އެވެ.
ސޯޝަލް މީޑިއާގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ މަސްއޫދު އަހުމަދު އަދި އަބޫ ތާހިރު އެވެ.
އެމްްޑީ މަސްއޫދު ސެޕްޓެންބަރު 11 ވަަނަ ދުވަހު ބަންދުކޮށްފައިވާ ކަމަށާއި، އަބޫ ތާހިރު ބަންދުކޮށްފައިވަނީ ސެޕްޓެންބަރު 14 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހަަމައެއާއެކު މި މައްސަލާއި ގުޅޭ އިތުރު ތަހުގީގު ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދާއިރު، މި ދެ މީހުންނާއި މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފަ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި ދެ މީހުން ގެނެސްފައިވަނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގު ތަކަކުން ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެެވެ.
ގަވައިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. ފުލުހުން ވަނީ ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެފަދަ ފަރާތްތަކުގެ މައުލޫމާތު މެސެޖުކުރެއްވުމަށް އެދިފަ އެވެ. އަދި ފުލުހުން ބުނީ އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެކަމަށެވެ.
މިގޮތުން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ޓާސްކްފޯސްގެ ސަބަބުން ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ 12 ބިދޭސީއެއް ކަމާބެހޭ ފަރާތްތަކުގެ ސަމާލުަކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި 12 ބިދޭސީންގެ ތެރެއިން ނުވަ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް