އާ ކޯޗާ އެކު ގައްދޫ ބަލިކޮށް އޮޑިން އިތުބާރު ހޯދައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އޮޑީގެ ކުޅުންތެރިން ރޭޣެމެޗުގައި އުފާފާޅުކުރަނީ -- ފޮޓޯ/އެފްއޭއެމް
އޮޑި ސްޕޯޓްސް ކްލަބުގެ އާ ކޯޗު، އާޖެންޓީނާގެ ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ގައްދޫ ރެކްރިއޭޝަން ކްލަބް އަތުން 4-0 އިން ބޮޑު މޮޅެއް ހޯދައި، މިވަގުތަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް އޮޑި ޖެހިލައިފި އެވެ.
މި މޮޅާއެކު އޮޑިން ތާވަލުގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ދެވަނައިގައިވާ ވިކްޓަރީ، ނިއުރޭޑިއަންޓް އަދި މާޒިޔާއަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުތައް ކުޅެފައިވަނީ ދެ މެޗެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. އެގޮތުން ނުވަވަނަ ވަނަ މިނިޓުގައި އަހުމަދު އަހުޒަމް ރަޝީދު ނެގި ކޯނަރަކުން ބްރެޒިލްގެ ފޯވާޑް ހަޑްސަން ޑިއާޒް ވަނީ އޮޑިއަށް ލީޑު ނަގައިދީފަ އެވެ. އޭގެ ފަހުން އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އަހުޒަމް އޮޑީގެ ދެވަނަ ލަނޑު ޖަހާފައި ވަނީ 16 ވަނަ މިނިޓުގަ އެވެ. އަދި މުޒްދާން ހަސަން ދިން ބޯޅައަކުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ 35 ވަނަ މިނިޓުގަ އެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު ސަހާއު (ބޭލް) ތަނަވަސްކޮށްދިން ފުރުސަތަކުން ސާބިއާގެ ފޯވާޑް ޓޮމިސްލާވް ޓޮޑޮރޯވިޗް އޮޑީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ 74 ވަނަ މިނިޓުގަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޑީގެ އަބްދުﷲ ޖުނެއިދު (ޖޭންނޭ) އެވެ.
އޮޑިން ސީޒަން ފެށީ ޕޯޗުގަލްގެ ކޯޗު ރުއީ ގްރެގޯރިއޯއާ އެކު އެވެ. ލީގުގެ ފުރަތަމަ މެޗަށްފަހު އެއްބަސްވުން އުވާލުމާ ގުޅިގެން، އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލުމުގެ ކުރިން ލީގުގެ ދެވަނައިގައި އެ ޓީމަށް އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ފައްރާހު (ފައްރަ) އެވެ.
މުހައްމަދު ނަޒީހުގެ ކޯޗުކަމުގައި ކުޅޭ ގައްދޫ ރެކްރިއޭޝަން ކްލަބް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެފަ އެވެ. ސައުތު ޒޯންގެ ޗެމްޕިއަންގެ ގޮތުގައި ޕްރިމިއާ ލީގު ކޮލިފައިންގައި ނަތީޖާ ނެރެގެން މި ސީޒަންގައި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ގައްދޫ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް ކޯޗު ވަނީ މީގެ ކުރިން ވެސް ފާހަގަ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް