ކުޅިވަރު

17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ މިފަހަރު ވެސް ވަރުގަދަ ގުރޫޕެއްގައި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ މިފަހަރު ވެސް ވަރުގަދަ ގުރޫޕެއްގައި

މިދިޔަ އަހަރު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުވެއިތާ ދެކޮޅަށް ރާއްޖެ ނެރުނު ފުރަތަމަ 11. -- ފޮޓޯ/ އޭއެފްސީ

އުޒްބަކިސްތާނުގައި އަންނަ އަހަރު ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ދިވެހިރާއްޖެ މި އަހަރު ވެސް ވަރުގަދަ ގުރޫޕެއްގައި ހިމެނިއްޖެ އެވެ.

ރާއްޖެ ހިމެނެނީ ތައިލެންޑާއި އިރާގް އަދި ހޮންގް ކޮންގް އާއި ޗައިނީޒް ޓައިޕޭއާ އެކު ގުރޫޕް ބީގަ އެވެ. އޭޝިއަން ކަޕަށް ކޮލިފައި ވާނީ ތައިލެންޑްގައި ހޯސްޓް ކުރާ މި ގުރޫޕްގެ އެއްވަނަ ހޯދާ ޓީމެކެވެ.

ކޮލިފައިންގެ މެޗުތައް ތައިލެންޑްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 8-20 އަށެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނުކުންނާނީ ޗައިނީޒް ޓައިޕޭއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ހޮންގް ކޮންގް އާ ދެކޮޅަށް ކުޅުމަށް ފަހު ދެން ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ބައްދަލުކުރާނީ އިރާގާ ދެކޮޅަށެވެ.

Uploaded image

ތައިލެންޑަކީ އާއްމުކޮށް މި އުމުރުފުރާގެ އޭޝިއަން ކަޕްގައި ކުޅެމުން އަންނަ ގައުމެކެވެ. އަދި އެ ގައުމު ވަނީ 1998 ގައި ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ހަމަ އެއާއެކު އިރާގު ވަނީ 2016 ވަނަ އަހަރު މި އުމުރުފުރާގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ނަމަވެސް އެންމެ ފަހުން އޮތް ދެ މުބާރާތަށް ވެސް އެ ޓީމު ކޮލިފައި އެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮތް މި އުމުރުފުރާގެ ކޮލިފައިންގައި ވެސް ރާއްޖެ ވާދަ ކުރި ގުރޫޕްގެ މެޗުތައް ހޯސްޓް ކުރީ ތައިލެންޑްގަ އެވެ. ތުރުކުމެނިސްތާނާއި ކުވެއިތު އަދި މޮންގޯލިއާ ވާދަކުރި މި ގުރޫޕުގެ އެއްވަނަ ހޯދައިގެން މި އަހަރު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކުޅުނީ ތައިލެންޑެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް