އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ރަައީސް ބައްލަވާލައްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލަން ރައީސް މުޢިއްޒު ވަޑައިގެންނެވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ޚަދަރުގައި އިމާރާތް ކުރަމުން އަންނަ އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.
ބުދަ ދުވަހު ރައީސް ޑޮކްޓަރު މުޢިއްޒު އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަން ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އިސްމާއީލް ޝަފީއު ވެސް ވަޑައިގެންނެވި އެވެ. މީގެ އިތުރުން މި ސްކޫލުގެ މަސައްކަތް ކުރަމުން އަންނަ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ އިސްވެރިން ވެސް ވަނީ ރައީސްގެ އަރިހުގައި ވަޑައިގެންފައި އެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަރަބިއްޔާ ސްކޫލުގެ މަސައްކަތް ނިންމާލުމަށެވެ. އަދި ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔަވައިދޭން ފަށާއިރު، މި ސްކޫލު ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާ އަރަބިއްޔާ ސްކޫލަކީ 10 ފަންގިފިލާ އަށް އިމާރާތް ކުރާ ސްކޫލަކަށްވާއިރު، މި ސްކޫލާ އެކު ތައުލީމީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ރައީސް މުޢިއްޒު ވަނީ، އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންގެ އިތުރުން، މަތީ ތައުލީމު ހާސިލު ކުރުމަށް އެދި އެދި ތިބި ބައެއް ދަރިވަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ދަރިވަރުންގެ ގިނަ ޝުއޫރު ތަކެއް ރައީސް މުޢިއްޒުއާ ހިއްސާ ކުރެއްވިއިރު، ރައީސް ވަނީ ދަރިވަރުން ހިއްސާކުރި ކަންކަމުގއި ސަރުކާރުން ވެދެއްވެންހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވައިފަ އެވެ.
އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލު ހެދުމާ އެކު، މާލެ އިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ވެސް ތަނަވަސް، ޒަމާނީ އައު އިމާރާތެއް ބިނާކޮށް، އެތަނަށް އަރަބިއްޔާ ސްކޫލު ބަދަލު ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި މިއީ ސަރުކާރުން ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއްކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް