އެމެރިކާގެ ގައުމީ ދަރަނި ފުރަތަމަ ފަހަރަށް 40 ޓްރިލިއަން ޑޮލަރަށް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރެޝަރީ --
ފުރަތަމަ ފަހަރަށް އެމެރިކާގެ ގައުމީ ދަރަނި 40 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ.
އެމެރިކާގެ ދަރަނި އެ ގައުމަށް ލިބޭ އާމްދަނީއަށް ވުރެ ބޮޑުވުމުން އެ ގައުމަށް މާލީގޮތުން އުނދަގޫތަކެއް ކުރިމަތިވަމުންއަންނަ ކަމަށް މާލީ ކަންކަން ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެ ގައުމުގެ ދަރަނި އެންމެ ބޮޑުވާން ފެށީ ކޮވިޑް-19 ގެ އަލަމީ ވަބާގެ ސަބަބުން ފުރަ ބަންދަކަށް ދާންޖެހުމުންނެވެ. އެކަމުގެ ސަބަބުން އެ ގައުމުގެ އުފެއްދުންތެރިކަން އެތަށް ގުނައަކަށް ދައްވެގެންދިޔައެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕު 2017 ވަނަ އަހަރު އެ ގައުމުގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް އިންތިހާބުވިއިރު އެގައުމުގެ ދަރަނި ހުރީ 20 ޓްރިލިއަން ޑޮލަރުގައެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކުރިމަތިވި ދެ އަހަރުކަމަށްވާ 2020 އަދި 2021 ވަނަ އަހަރު ނިމުނުއިރު އެ ގައުމުގެ ދަރަނި ވަނީ 29 ޓްރިލިއަން ޑޮލަރަށް އިތުރުވެފައެވެ.
2021 ވަނަ އަހަރު އެ ގައުމުގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެ ހުއްޓިފައިވާ އެ ގައުމުގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށައި، ކޮވިޑްގެ ސަބަބުން ޕެންޑަމިކް ރިކަވެރީގެ ހަރުތައް ކުރަން ޖެހުމުގެ ސަބަބުން 2022 ވަނަ އަހަރު އެ ގައުމުގެ ދަރަނި ވަނީ 31 ޓްރިލިއަން ޑޮލަރަށް އިތުރުވެފައެވެ. އަދި 2023 ވަނަ އަހަރު 33 ޓްރިލިއަން ޑޮލަރަށް އެ އަދަދު އެރިއިރު، 2025 ވަނަ އަހަރާ ހަމައަށް ދިޔައިރު އެ އަދަދު ވަނީ 36 ޓްރިލިއަން ޑޮލަރަށް އަރައިފައެވެ.
2025 ވަނަ އަހަރު ޑޮނާލްޑް ޓްރަމްޕު އަލުން އެމެރިކާގެ ރައީސްކަމަށް އައިރު މިހާރު އެ ގައުމުގެ ދަރަނި ވަނީ 40 މިލިއަނުން މަތިވެފައެވެ. އެ ގައުމުގެ ދަރަނި އެއް އަހަރު ދުވަހުގެ ތެރޭގައި އެހައި ބޮޑަށް މަތިވީ ޓްރަމްޕުގެ ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީކަމަށް ވެސް މާލީ ކަންކަން ދިރާސާކުރާ ފަރާތްތަކުން އިއްތިފާގުވެއެވެ. އެގޮތުން އެ ގައުމުން އެ ގައުމުގެ ގައުމީ ދިފާއީ ބާރަށް އަދި ސިއްހީ ފަރުވާއަކީ ބަޖެޓުން އެންމެ ބޮޑަށް ހަރަދުކުރާ ކަންކަމަށް ވަނީ ހަދައިފައެވެ.
މީގެއިތުރުން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ފެޑެރަލް ރިޒާވްއިން އިންޓްރެސްޓް ރޭޓް މަތިކުރި ފަހުނ، އައު އަދި ބޮޑު ފައިދާ ލިބޭ ޓްރެޝަރީ ބޮންޑަށް ކުރީގެ ދަރަނި ބަދަލުކުރުމަކީ ވެސް ދަރަނި ބޮޑުވުމުގެ އަސްލެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މި 40 ޓްރިލިއަން ޑޮލަރުގެ އަދަދަކީ އެމެރިކާގައި ކޮންމެ މީހަކަށް ގާތްގަނޑަކަށް 117،000 ޑޮލަރުގެ ދަރަންޏެވެ. އަދި ގޭބިސީއަކަށް 297،000 ޑޮލަރުގެ ދަރަންޏެވެ. އެ ގައުމަށް އާމްދަނީގެ ގޮތުގައި އަހަރަކު ލިބެނީ 5.2 ޓްރިލިއަން ޑޮލަރެވެ. އެހެންކަމުން އެ ގައުމުގެ ދަރަނި ބޮޑުވަމުން ދިއުމަކީ ކަންބޮޑުވުންހުރި ކަމެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް