ބްލޮކް ގްރާންޓުގެ ގޮތުގައި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ކައުންސިލް ތަކަށް 1.8 ބިލިއަން ރުފިޔާ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ފިނޭންސް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތް
މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދީފައިވާ ކަމަށް ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކައުންސިލް ތަަކަށް ބްލޮކް ގްރާންޓޫގެ ގޮތުގައި ވަނީ 1.8 ބިލިއަން ރުފިޔާ ދޫކޮށްފައި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، ބޮޑު އަދަދެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ވަނީ 1.6 ބިލިއަން ރުފިޔާ ދޫކޮށްފައި އެވެ. މިއަހަރުގެ އެ މުއްދަތުގައި 1.8 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 12 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަވެ އެވެ.
ކައުންސިލްތަކަށް ދެމުން އަންނަ ބްލޮކް ގްރާންޓުގެ ގޮތުގައި މިއަހަރު ދިނުމަށް ކަނޑައަޅާފައިވާ އަދަދަކީ 2.4 ބިލިއަން ރުފިޔާ އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ކައުންސިލްތަަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދުކަން ފާހަގަކުރެވެ އެވެ.
ކައުްނސިލްތަކަށް ބްލޮކް ގްރާންޓު ކަނޑައެޅުމުގައި ބަލަނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ އާބާދީ އަށެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ތެރެއިން އަތޮޅު ކައުންސިލްތައް މިހާރު އުވާލާފައިވާއިރު، އެކަމުގެ ސަބަބުން ސިޓީތަކާއި ރަށްތަކުގެ ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުގެ އަދަދު ބޮޑު ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.
ސަރުކާރުގެ އަމާޒަކީ ކައުންސިލް ތަކަށް ދެމުން އަންނަ މާލީ އެހީތެރިކަން އިތުރުކޮށް، ކައުންސިލް ތަކަކީ ބާރުވެރި ބަޔަކަށް ހެދުމެވެ. އަދި ކައުންސިލް ތަކަކީ ރައްޔިތުންނަށް އެންމެ ބޭނުންވާ ޚިދުމަތްތައް ދިނުމާއި، ރަށް ރަށުގެ ކުރިއެރުމާއި ލާބައަށް މަސައްކަތްކުރާ ބަޔަކަށް ހެދުމެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް