ޚަބަރު

ނައިބު ރައީސް، އދ.ގެ ސެކްރެޓަރީ ޖެނަރަލް ގުޓަރޭސްއާ ބައްދަލުކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނައިބު ރައީސް، އދ.ގެ ސެކްރެޓަރީ ޖެނަރަލް ގުޓަރޭސްއާ ބައްދަލުކުރައްވައިފި

އދ.ގެ ސެކްރެޓަރީ ޖެނަރަލް ގުޓަރޭސް އާއެކު، ރާއްޖޭގެ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް

ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި އެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެ އަށް ކޮންމެ ދުވަހަކު ވެސް ތަހަންމަލު ކުރަންޖެހިފައިވާ ހަޤީޤަތެއް ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީ އަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވާފައި އެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަށް ދިމާވެފައިވާ މައްސަލަތަކުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން، އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ އިން އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ވިލުންތެރިކަމާއި، ދަރަނީގެ ދެމެހެއްޓެނިވި ކަމާއި، ސިޑްސްގެ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ (އޭބީއޭއެސް) ތަންފީޒު ކުރުމާއި، ސިޑްސް އިން އިސްކަންދޭ ކަންކަމުގެ އިތުރުން އދ. އިސްލާހުކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް ވަނީ ދިވެހިރާއްޖެ އާއެކު އޮތް އެއްބައިވަންތަކަން ހާމަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޚާއްސަ ގޮތެއްގައި ފާހަގަ ކުރައްވާފައި އެވެ.

އަދި ދުނިޔޭގެ ފެންވަރުގައި މޫސުމީ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް އެއްބާރުލުން ދެއްވުމަށާއި، މިކަމުގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެ އާއެކު ގުޅިގެން މަސައްކަތް ކުރުމުގައި އދ. އިން އެހީތެރިކަންދޭނެ ކަމުގެ ޔަޤީންކަން ގުޓަރޭސް ދެއްވި އެވެ.

މީގެ އިތުރުން، ސަރަހައްދީ ފެންވަރުގައި ކަންބޮޑުވުން އޮތް މައްސަލަތަކުގެ މައްޗަށާއި، ޚާއްސަކޮށް ފަލަސްޠީނުގެ މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް