އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ އާންމުންނަށް ވެސް ހުޅުވާލައިގެން
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ/ ޕީއެސްއެމް
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް ބާއްވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
އެމްޑީޕީ އިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮންގްރެސްގެ މައުލޫމާތު ހިއްސާކުރެއްވީ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހީމް ވަހީދު އާއި، ޗެއާޕާސަންގެ ނައިބު، މުޙައްމަދު ޝިފާޒު (ޝިއްޕެ) އެވެ.
އެ ބައްދަލުވުމުގައި އިބްރާހީމް ވަހީދު ވަނީ އެމްޑީޕީގެ ކޮންގްރެސް އޮންނާނީ މާލޭ ސިޓީ ހޯލުގައި ކަމަށް ވިދާޅުވެފައި އެވެ. އަދި އެމްޑީޕީގެ ކޮންގްރެސް އަކީ ޕާޓީގެ މެމްބަރުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ހަރަކާތެއް ކަމަށާއި، ކޮންގްރެސްގެ ފޯރި ގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީ އިން ވަނީ އެ ޕާޓީގެ ކޮންގްރެސް އަޑު އެހުމާއި، ކޮންގްރެސް ކުރިއަށްދާ ގޮތް ބެލުމުގެ ފުރުސަތު އާންމުންނަށް އޮތް ކަމަށް ބުނެފައި އެވެ.
މީގެ އިތުރުން ޝިއްޕެ ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވޭ 986 ކޮންގްރެސްމަނުން އެބަ ތިބި ކަމަށާއި، އެ ހުރިހާ ފަރާތްތަކެއް ވެސް ކޮންގްރެސްގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކޮންގްރެސްގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަންގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި، ގިނަ އަދަދެއްގެ ކޮންގްރެސްމަނުން ރަޖިސްޓްރީ ވަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ކޮންގްރެސް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވަމުން ޝިފާޒް ވިދާޅުވީ، އޮކްޓޫބަރު އެކެއްވާ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނީ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތު ކަމަށެވެ. ޖެހިގެން އަންނަނީ ހުކުރު ދުވަސް ކަމަށްވާތީ، ކޮންގްރެސްގެ ސެޝަންތައް އެ ދުވަހު ކުރިއަށްދާނީ މެންދުރު ފަހުން ފެށިގެން ކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި ހޮނިހިރު ދުވަހު ވެސް ކޮންގްރެސްގެ ސެޝަންތައް ކުރިއަށް ގެންގޮސް، އެ ދުވަހު ކޮންގްރެސް ނިންމާލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ.
އެމްޑީޕީގެ ކޮންގްރެސް އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ފަށާއިރު، އެ ޕާޓީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރަސްމީކޮށް ޗެއާޕާސަންގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވުން ވެސް އޮންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް