ގައްޒާގައި މީހުން ވަޅުލަމުން ގޮސް އިތުރަށް ވަޅުލާނެ ޖާގަ ހުސްވަނީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ގައްޒާގެ ސަހަރާއެއް --
އިސްރާއިލުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި ގައްޒާއިން މަރުވަމުންދާ މީހުން ވަޅުލަމުން ގޮސް އެ ސަރަހައްދުން އިތުރަށް މީހުން ވަޅުލާނެ ޖާގަ ހުސްވަމުން އަންނަކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.
ގައްޒާގެ އޮމަރު ނަމަކަށް ކިޔާ ޒުވާނަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ގައްޒާގެ ރީނދޫ ރޮނގު ކައިރިން އޭނާގެ ބައްޕަގެ ބޮލަށް ބަޑިޖަހައި މަރާލައިފައިވާކަމަށެވެ.
އަދި ބައްޕަގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށް އެ އަވަށުގެ ޒެއިތޯން ސަހަރާއަށް ދިއުމުން ފެނުނީ އެ ސަހަރާގައި ޖާގަ ނެތުމުގެ ސަބަބުން އެއް ހަށިގަނޑާއި އަނެއް ހަށިގަނޑާއި ޖެހޭނެހެން ކައިރި ކައިރީގައި މީހުން ވަޅުލައިފައިވާތަން ކަމަށެވެ.
މީގެ އިތުރުން މަރުވާ މީހުންގެ އަދަދު ގިނަކަމުން މަހާނަގާ ވެސް ނުޖެހޭކަމަށް ވެސް އޭނާ ބުންޏެވެ. އެ ސަހަރާގައި މީހުން ފާހަގަކުރަން ކަރުދާސް ކޮޅެއްގައި ނަން ޖެހުމަށްފަހު ގަލެއްގެ ދަށުގައި ބަހައްޓައިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ސަރަހައްދުން މީހަކު ވަޅުލުމަށް މިހާރު އެ ގައުމުގެ 500 ޝަކަލެސް ނުވަތަ 167 ޑޮލަރު ދައްކަން ޖެހޭކަމަށެވެ. އެ އަދަދަކީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު މީހަކަށް ދެއްކުމަށް އެކަށީގެންވާ އަގެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.
2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް ސީސްފަޔާ އެކުލަވާލި ފަހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނާއި ގެއްލިފައި ތިބި މީހުންގެ ހަށިގަނޑުތައް ދަނީ ހޯދަމުންނެވެ، އަދި ސީސްފަޔާގެ ފަހުން ވެސް 1200 އަށް ވުރެ ގިނަ ގައްޒާގެ ރައްޔިތުން މަރާލައިފައި ވާކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް