ނަޑެއްލާ އާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ނަޑެއްލާގައި މިސްކިތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ނަޑެއްލާ އާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށް ޓަކައި އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެރަށުގައި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލެވެ.
ނަޑެއްލާގައި މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށްށެވެ. އެ ރަށުގައި އިމާރާތްކުރަނީ 300 މީހުންގެ ޖާގައިގެ މިސްކިތެއެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 360 ދުވަސް ތެރޭ ނިންމާގޮތަށް 10.9 މިލިއަން ރުފިޔާއަށެވެ.
ހޯނޑެއްދޫގައި މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްށެވެ. އެ ރަށުގައި އަޅަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ނަޑެއްލާ އާއި ހޯނޑެއްދޫގައި އިމާރާތްކުރާ މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭ ބަޔާއި، އިމާމު ކޮޓަރިއާއި ލައިބްރަރީ އަދި ގުރުއާން ކުލާސް ހިމެނެ އެވެ. މި މިސްކިތުގައި އޭސީ ހަރުކުރުމުގެ އިތުރުން ސޯލާ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް