Article Top
ޚަބަރު •

ޢަބްދުއްރަހީމް ސުވާލެއް ޔާމީން އަށް، ވެރިކަމުގެ ދަހިވެތިކަމުގައި ޣައްދާރުވެވެނީ ރައްޔިތުންނަށް ނޫންތޯ؟

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޢަބްދުއްރަހީމް ސުވާލެއް ޔާމީން އަށް، ވެރިކަމުގެ ދަހިވެތިކަމުގައި ޣައްދާރުވެވެނީ ރައްޔިތުންނަށް ނޫންތޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް

ވެރިކަމުގެ ދަހިވެތިކަމުގައި ޣައްދާރު ވެވެނީ ރައްޔިތުންނަށް ނޫންތޯ އައްސަވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ ސުވާލެއް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަށް އަމާޒު ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ.އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވަން އެމްޑީޕީ އިން އިސްވެ އޭރު ކުރި މަސައްކަތާއި، ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން މި އުޅޭ ބިޔަ މަޝްރޫއަށް ހުރަސް އެޅުމަށް މިއަދު ރައީސް ޔާމީން އިސްވެ ހުރެ އެމްޑީޕީއާ ގުޅިގެން ކުރަމުން އެ ގެންދާ މަސައްކަތާ ހުރީކޮން ތަފާތެއްތޯ އެވެ؟

Advertisement
Article Inside

އޭރު އެ ދެއްކެވި ވާހަކަ އާއި، މިއަދު މިހާރު ދައްކަވާ ވާހަކައާ ދިމާވަނީ ކިހާވަރަކަށްތޯ ވެސް ޢަބްދުއްރަހީމް ސުވާލު ކުރައްވާފައިވެ އެވެ. އޭރު ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ އިން ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީ ކަމަށާއި، މިއަދު ހަމަ އެ ދަހިވެތިކަމުގައި ރައީސް ޔާމީން އަށް އެ ޣައްދާރުވެވެނީ ގައުމާއި ރައްޔިތުންނަށް ނޫންތޯ ޢަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.

މީގެ އިތުރުން ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް، އަދި ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ ވެސް ޢަބްދުއްރަހީމް ސުވާލު އުފައްދަވާފައިވެ އެވެ. ޢަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށް ވުރެ މާ ބޮޑަށް ތަސައްރަފޔ ފުދިފައި ތިބި، މާ ހަރުދަނާ ބައެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ ޤައުމާ މެދު ފުންކޮށް ވިސްނައި، ރަނގަޅާއި ނުބައި ވަކި ކުރަން އިނގޭ ބައެއް ކަމަށް ވެސް ޢަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ޕޯސްޓުގައި ޢަބްދުއްރަހީމް ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހުއްޓުވޭނެ ކަމަށާއި، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ލަސް ނުވެ އެ ބިޔަ މަޝްރޫއު ފެށިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދާނީ ރާއްޖޭގެ ޤާނޫނާ އަސާސީ އާއި، ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ޢަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް