ބޮޑު ރިސޯޓަކުން 9 މަސްތެރޭގައި 4 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވޭ: އިހުސާނު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިނިސްޓަރު އަލީ އިހުސާން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގެ ނަން މަޝްހޫރު ބޮޑު ރިސޯޓެއް ވޭތުވެދިޔަ 9 މަސް ދުވަސް ތެރޭގައި 4 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަޅު ބާޒާރަށް ވިއްކާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ އޭނާ ވިދާޅުވީ ބްލެކްމާކެޓުގައި ޑޮލަރު ވިއްކާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ބައެއް ރިސޯޓުތައް ވެސް ހިމެނޭކަމަށެވެ.
ހޯމް ސެކްޓާއިން ބްލެކްމާކެޓުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ތަހުގީގުކުރަމުން ދިޔަ ދިޔުމުގައި 63 ތަނެއް އެމްއެމްއޭގައި ރަޖިސްޓާ ކޮށްގެން ހިންގާ ކަމަށެވެ. އަދި ހުއްދަ ނުނަގާ އެ މުއާމަލާތް ހިންގާ އަދަދު ވަރަށް ގިނަކަމަށް ވެސް އިހުސާނު ވިދާޅުވިއެވެ.
ނުގަވައިދުން ޑޮލަރު ގަނެ ވިއްކާ 7 ތަނެއް އެ މުއައްސަސާތަކުން މޮނީޓާކުރިއިރު، މިދިޔަ 9 މަސްދުވަހުގެ ތެރޭގައި އެ ތަންތަނުން ކަޅު ބާޒާރުގައި 76 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބްލެކްމާކެޓުގައި ޑޮލަރު ވިއްކުމަށް ޑޮލަރު މާރުކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަށްކަމަށް އިހުސާނު ވިދާޅުވިއެވެ.
އިތުރަށް ބެލިބެލުމުން އެނގުނު ގޮތުގައި ރާއްޖޭގެ ނަން މަޝްހޫރު ބޮޑު ރިސޯޓު ޗެއިން އަކުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 4 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކުރިކަމަށް އިހުސާނު ވިދާޅުވިއެވެ.
އެމްއެމްއޭއިން ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ރިސޯޓުތަކުން އެމްއެމްއޭއަށް މާރުކުރަން ކަނޑައެޅިފައިވާ މިންވަރު އެއަށްވުރެ ކުޑަކަމަށާއި އެހެންނަމަވެސ ރިސޯޓުތަކުން އެމްއެމްއޭއަށް ޑޮލަރު ރޭޓުގައި މާރުކުރަން ޖެހޭ މިންވަރު ބޮޑުވެގެން ޝަކުވާކުރާއިރު އެ ރިސޯޓުތަކުން ޑޮލަރު މާރުކުރަނީ ބްލެކް މާކެޓުގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިހުސާނު ވިދާޅުވީ ޑޮލަރު މާރުކުރާ ތަންތަންތަނުން ކަޅުބާޒާރުގައި ރިސޯޓުތަކުންނާއި އެހެނިހެން ޑޮލަރުން އާމްދަނީ ލިބޭ މީހުންއަތުން ޑޮލަރު ގަނެގެން އެ ޑޮލަރު އަނެއްކާ ކަޅު ބާޒާރުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިތަކާއި ބައެއް ބޮޑެތި ވިޔަފާރިވެރިންނަށް ވިއްކާކަމަށެވެ.
އޭނާ ވިދާޅުވީ ހުއްދަ ނުނަގައި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތް ހިންގުމަކީ ޖިނާއީ ކުޑެއްކަމަށެވެ. އެ މުއާމަލާތުން އާމްދަނީ ހޯދައިގެން އެ އާމްދަނީ ބޭނުންކުރުމަކީ މަނީ ލޯންޑާ ކުރުންކަމަށް ވެސް އިހުސާނު ވިދާޅުވިއެވެ.
އިހުސާނު ވިދާޅުވީ ގިނަ ބަޔަކަށް ކަޅުބާޒާރުގައި ޑޮލަރު ގަނެ ވިއްކުމަކީ ބޮޑު ކަމެއްކަމަށް ހީނުވިނަމަވެސް، އެއީ ބޮޑު އަދަބު ލިބޭނެ ކުށެއްކަމަށެވެ. އެ މުއާމަލާތުގައި އަމިއްލަ ފަރާތްތަކުން ވެސް ޝާމިލުވާކަމަށް އޭނާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި އިހުސާނު ފާހަގަކުރި ގޮތުގައި އަމިއްލަ ފަރުދެއް ރިސޯޓެއްގައި މަސައްކަތް ކޮށްގެން ޑޮލަރުން ލިބޭ އާމްދަނީ ބްލެކް މާކެޓުގައި ވިއްކާކަމަށެވެ. އެއީ ހުއްދަ ނުނަގާ ޑޮލަރު މާރުކުރުމުގެ މުއާމަލާތް ހިންގުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ނޭންގި ތިބެ ޖިނާއީ ކުންތަކަށް ވަދެވިގެން ދާދިއުމާ ދޭތެރޭ ވިސްނާލުމަށް އިހުސާނު އިލްތިމާސްކުރެއްވިއެވެ. އަދި ބޭރު ފައިސާ މާރުކުރާނަމަ ހުއްދަ ލިބިފައިވާ އެމްއެމްއޭއިން ލައިސެންސް ދޫކޮށްފައިވާ ތަންތަނުން ޑޮލަރު ރޭޓުގައި އެކަން ކުރުމަށް ވެސް އިހުސާނު އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް