ކުލަގަދަ ރަސްމިއްޔާތަކާއެކު އޭޝިއަން ގޭމްސް ނިންމާލައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ގޭމްސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
އޭޝިއާ ބައްރުގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ 20 ވަނަ އޭޝިއަން ގޭމްސް، 16 ދުވަހުގެ ފޯރިގަދަ ކުޅިވަރުތަކަކަށްފަހު ޖަޕާންގެ ނަގޯޔާގައި ރަސްމީކޮށް ނިންމާލައިފި އެވެ.
ނަގޯޔާ ސިޓީ މިޒޫހޯ ޕާކް އެތުލެޓިކް ސްޓޭޑިއަމްގައި ބޭއްވި ގޭމްސް ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލީ ދިވެހި ބީޗްވޮލީ ޓީމުގެ އާމިނަތު އަރީޝާ އެވެ.
އޭޝިއަން ގޭމްސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުގެ ވަލީއަހުދު އަކިޝީނޯއާއި އެމަނިކުފާނުގެ އަނބިކަނބަލުން ކީކޯ އެވެ. މީގެ އިތުރުން، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ(އޯސީއޭ) ގެ ރައީސް ޝެއިޚް ޖޮއާން ބިން ޙަމަދު އަލްޘާނީ އާއި ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި އެތުލީޓުންގެ ޕެރޭޑާއި، ސަގާފީ އެކި ހަރަކާތްތަކުގެ އިތުރުން އޭޝިއަން ގޭމްސްއައިޗީ-ނަގޯޔާގެ ދަންމަރު ނިއްވާލުން އޮތެވެ. އަދި އޯސީއޭ ގެ ދިދަ ރަސްމީކޮށް ގަތަރާ ހަވާލުކުރުމާއެކު، 2030 ވަނަ އަހަރު ދޯހާގައި ބާއްވާ 21 ވަނަ އޭޝިއަން ގޭމްސްގެ ކައުންޓްޑައުން ވަނީ ރަސްމީކޮށް ފަށައިފަ އެވެ.

ގޭމްސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
އޯސީއޭ އިން ހާމަކުރި ގޮތުގައި 20 ވަނަ އޭޝިއަން ގޭމްސްގައި ދުނިޔޭގެ 54 ރެކޯޑަކާއި، އޭޝިއާގެ 89 ރެކޯޑެއްގެ އިތުރުން، ގޭމްސްގެ 212 ރެކޯޑަކާއި ޖޫނިއާ ދުނިޔޭގެ 11 ރެކޯޑެއް ވަނީ މުގުރާލައިފަ އެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސްއަކީ ދިވެހި އެތުލީޓުންނަށް އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައިވާދަކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން 42 އެތުލީޓުން ޖުމްލަ ހަތް ކުޅިވަރަކުން ވާދަކޮށްފައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލްޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިން އެވެ.
ވިހި ވަނަ އޭޝިއަން ގޭމްސްގައި 45 ގައުމެއްގެ އޮލިމްޕިކް ކޮމިޓީތަކުން ގާތްގަނޑަކަށް 11,000 އެތުލީޓުން ބައިވެރިވެ، 43 ކުޅިވަރަކުން 469 މެޑަލް އިވެންޓެއްގައި ވާދަކުރިއެވެ. މީގެ އިތުރުން، އެތުލީޓުންނާއި ކޯޗުން އަދި ޓީމު އޮފިޝަލުން ހިމެނޭހެން ޖުމްލަ 17,000 އެއްހާ މީހުން މި އަހަރުގެ ގެގޭމްސްގައި ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް