Article Top
ޚަބަރު •

ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުން 113 ދަރިވަރަކު ދަސްވެނިވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުން 113 ދަރިވަރަކު ދަސްވެނިވެއްޖެ

ދަސްވެނިވި ބައިވެރިންނާއެކު އިސްލާމިކް މިނިސްޓަރު ޝަހީމް ފޮޓޯއެއްގައި.

ކީރިތި ޤުރުއާން އުނގަންނައި ދިނުމުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި، ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރަކު ދަސްވެނިވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ޤުރުއާނާ ބެހޭ މަރުކަޒުން ކުރިއަށް ގެންދިޔަ މި ކޯސްތަކުން ދަސްވެނިވި ދަރިވަރުންގެ ޖަލްސާ ބާއްވާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މިނިސްޓަރު ވަނީ ކޯސްތަކުން ދަސްވެނިވި ދަރިވަރުން ކާމިޔާބީ ފާހަގަ ކުރައްވައި، އަގުވަޒަން ކުރައްވައިފަ އެވެ.

Advertisement
Article Inside

މި ދަސްވެނިވުމުގެ ތެރޭގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައިވާއިރު، ޑިޕްލޮމާ ކޯސް ފުރިހަމަކޮށް 49 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފައި އެވެ. މިއީ ރާއްޖޭގައި ތަމުރީނުވެފައިވާ ޤުރްއާން މުދައްރިސުން އުފެއްދުމަށާއި، އިސްލާމީ ތައުލީމު ކުރިއެރުވުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަވެ އެވެ.

ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާން އެވެ.

އަދި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމް އާއި، އިސްލާމިކް މިނިސްޓަރު ޝަހީމް އެވެ.

މި ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ކީރިތި ޤުރްއާނުގެ ތަޢުލީމު ހަރުދަނާކުރުމަށާއި، ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާ އިން ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ކުރިއަށް އަންނަން އޮތް ޖީލުތަކަށް ސައްހަ ޤުރްއާނީ ޢިލްމު ފޯރުކޮށްދެވޭނެ ގާބިލު މުދައްރިސުން ބިނާކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު ކާމިޔާބެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް