އަމީނީ މަގު މަރާމާތުކުރުން: ތިންވަނަ ސެގްމެންޓުގައި މި ހަފުތާގައި ތާރުއަޅަން ފަށަނީ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އަމީނީ މަގުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެމްޓީސީސީ
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން އެ މަގުގެ ތިންވަނަ ސެގްމެންޓުގައި ތާރުއެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާނެކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީއިން ބުނެފިއެވެ.
އަމީނީމަގުގެ ތިން ވަނަ ސެގްމަންޓު، އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް މަސައްކަތް ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އެމްޓީސީސީއިން ބުނީ މިހާރު ކުރިއަށް ދަނީ އެ މަގުގެ އޭބީސީ ފަށަލަ އެއްވަރުކުރުމުގެ މަސައްކަތްތަށް ކަމަށެވެ.
އެ މަސައްކަތްތައް ނިމުމާއެކު ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެ ފަހުން، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑު އުފުލި، އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދިފައި އޮތުމުން އެ ތާރުގަނޑު އެއްކޮށް ނަގައި، އެތަން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުއެވެ.
ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް މަގުގެ މަރާމާތު ކުރުމަށްފަހު މިހާރު ވަނީ ހުޅުވާލާއިފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގައެވެ. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއު، އެ ވެރިކަން ނިމުނުއިރު ފުރިހަމަނުވެ އޮތް ސަރަހައްދުގެ އެންމެ ފަހު ބައި ހަދައި ހުޅުވީ 2024 ވަނަ އަހަރުގައެވެ.
އަމީނީ މަގުގެ ތާރުގަނޑު އެހާ އަވަހަށް ހަލާކުވުމުން އެކަމަށް ފާޑުކިޔަމުން ގެންދާތީ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެ މަގު އެހާއަވަހަށް ހަލާކުވީ އެ މަސައްކަތް ކުރުމަށް މިދިޔަ ސަރުކާރުން ހަވާލުކުރި އާރުޑީސީއަކީ މަގުހެދުމަށް އެންމެ ގާބިލުކުންފުންޏަކަށް އޭރުނުވާތީކަމަށެވެ.
އާންމުންނަށް އެ މަގު ނުނުމި ދިގުލައިގެން ދިތީ އެކަމުގެ ދަތިތައް ކުރިމަތިވަމުން ދިއުމުގެ ސަބަބުން މި ސަރުކާރުން ވެރިކަމާ ހަވާލުވެ އާރުޑީސީއިން މަސައްކަތް ކުރަމުން އައިގޮތަށް މަސައްކަތް ކުރުމަށް ދޫކޮށްލީކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ
އެ ކުންފުނީގައި އެ މަސައްކަތް ކުރާނެ މެޝިނަރީ ނެތްއިރު އެ މަސައްކަތް އެ ކުންފުނިން ކުރީ އިންޑިއާއިން މެނުއުލް އާދައިގެ ތާރު އެޅުމަށް ބޭނުންކުރާ މޭޝިނެއް ބޭނުންކޮށްގެންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް