ގާނޫނު އިސްލާހުކޮށްފި، މަނާ މަސްވެރިކަމެއް ކޮށްފިނަމަ 5 ލައްކަ ރުފިޔާގެ ޖޫރިމަނާއެއް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މަސްވެރިކަން ކުރަނީ --
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ހިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެހެނިހެން ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް މަސްވެރިކަމުގެ ގާނޫނަށް ހުށަހެޅު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްކޮށްފައިވަނީ، އިގްތިސޯދީ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ގެނައި އިސްލާހުތަކާވެސް އެކުގައެވެ.
މަސްވެރިކަމާ ބެހޭ ގާނޫނަށް މި އިސްލާހުތައް ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެހެނިހެން ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމެވެ. މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމާ ގުޅޭ އުސޫލުތައް މުރާޖާ ކުރުމާއި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ، ޤާނޫނުގެ ދަށުން ކުށެއްކަމުގައި ބަޔާންކުރުމެވެ. މި ބިލުގައި އެފަދަ ކުށްތަކުގެ ޖޫރިމަނާ ކަނޑައެޅުމާއި، އެނޫންވެސް ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުންވެސް ހިމެނެއެވެ.
ބިލުގައިވާ ގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ މި ވުޒާރާއަށް ދެވިދާނެއެވެ. އެކި ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިން ނަމަވެސް، ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މުޅިން މަނާކަމެކެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުން މަސްވެރިކަން ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ މަހުގެ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ 1،000،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ގާނޫނުން ލިބިގެންދާނެ އެވެ.
މީގެއިތުރުން މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ޚާއްސަ ބަނދަރުތައް ތަރައްޤީ ކުރުމުގެ ހުއްދަ މިވުޒާރާއަށް ދެވޭނެއެވެ. އަދި ޤާނޫނުގައި މަނާކޮށްފައިވާ ހަރަކާތެއް ހިންގުމުގެ ސަބަބުން އިދާރީ ފިޔަވަޅު އަޅާ ބޭރުގެ އުޅަނދުފަހަރު ނިސްބަތްވާ ޤައުމެއްގެ ސަބަބުން އެ އުޅަނދާމެދު އަމަލުކުރާނެ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.
އެ އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމަށް ހާއްސަ ބަނދަރު (ސްޕޯރޓްސް ފިޝިންގ ހާރބަރ) ހެދުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް މިފަދަ މަޝްރޫއުތައް ހިންގޭނެ ޤާނޫނީ ބާރު ހޯދައި މިކަންކުރެވޭނެ ހާއްސަ އުސޫލުތަކެއް ކަނޑައެޅުމެވެ. އަދި މި އިސްލާހުގެ ސަބަބުން މަސްވެރިކަމުގެ ގާނޫނާ ގަވާއިދުތައް ތަންފީޒުކުރުމުގައި މިނިސްޓްރީއިން އަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް