އޭޝިއަން ގޭމްސް 2026: ބީޗް ގޭމްސްގައި ރިހި މެޑަލް ހޯދި އިރާންގެ ޕެއާއާ ދެކޮޅަށް ބީޗް ވޮލީ ޓީމު ރަނގަޅު ވާދައެއް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިއަދު ކުޅުނު ބީޗް ވޮލީބޯޅަ މެޗުގެ ތެރެއިން. -- ފޮޓޯ/ އެމްއޯސީ: ނައުޝަމް
އޭޝިއަން ގޭމްސް 2026 ގައި ބީޗް ވޮލީބޯޅަ އިވެންޓް މިއަދު ފެށިގެން ކުރިއަށް ދާއިރު، ފިރިހެން ބައިގެ ޕްރިލިމިނަރީ ފޭސް ގުރޫޕް އެޗްގައި ހިމެނޭ ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ ޕެއާ، އީރާންގެ ޕެއާ އަތުން ބަލިވެއްޖެ އެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗުން އިރާންގެ ޕެއާ ކުރިހޯދީ 21-12 އަދި 21-14 އިންނެވެ.
އިރާންގެ ޕެއާ އަކީ، މި އަހަރު އޮތް އޭޝިއަން ބީޗް ގޭމްސްގެ ބީޗް ވޮލީބޯޅައިން ރިހި މެޑަލް ހޯދާފައިވާ ކާކީޒާދޭ އަބުލްހަސަން އާއި ޣަލެނޯވީ އާމިރު އަލީގެ ޕެއާ އެވެ.
ރާއްޖޭގެ ތަޖުރިބާކާރު ޕެއާ، އެޑަމް އާއި ކުޑަކާއްޓޭ ވަނީ މި އަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ވެސް އިރާންގެ މި ދެ ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ. އެ ފަހަރުގެ މެޗުން އިރާން މޮޅުވީ 21-15 އަދި 21-10 އިންނެވެ.
މުބާރާތުގެ ގުރޫޕް އެޗްގައި ރާއްޖެއާއި އިރާންގެ އިތުރުން ހިމެނެނީ ޖަޕާން އަދި ބަންގްލަދޭޝްއެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި ޖަޕާނުން ވަނީ ސީދާ ދެ ސެޓުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
މި ގްރޫޕުގައި ރާއްޖެއަށް ބާކީ ދެ މެޗު އޮތްއިރު، ދެވަނަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. އަދި ގްރޫޕް ބުރުގެ ފަހު މެޗުގައި ބުރާސްފަތި ދުވަހު ވާދަކުރާނީ ބަންގްލަދޭޝްއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް