"ފްލެޓު ލިސްޓު ޑިސެމްބަރުގައި އިއުލާނުކޮށް، 2028 އޮގަސްޓުގައި ފްލެޓު ހަވާލުކުރާނެ"
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ވިލިމާލޭގައި ފްލެޓު އެޅުމަށް ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތައް ލިބޭ މީހުން މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާނުކުރާނެކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަހަރު އާންމުކުރުންކަމަށެވެ.
މީގެ އިތުރުން ފްލެޓު ލިބޭ މީހުންނަށް 2028 ވަނަ އަހަރުގެ އޮގަސްޓުމަހު ފްލެޓުތައް ނިންމައި އެ ފްލެޓުތައް ހަވާލުކުރުމަށް ވެސް ސަރުކާރުން އަމާޒު ހިފައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ނާޒިމް ވިދާޅުވީ ސަރުކާރުން ފްލެޓު ލިސްޓަށް ޝަރުތުހަމަވާ މީހުންގެ ލިސްޓު އެކުލަވާލަން މަސައްކަތްކުރާއިރު، ފްލެޓުތައް ކޮބައިތޯ ގިނަ ބަޔަކު ސުވާލުކުރާކަމަށެވެ.
އޭނާ ވިދާޅުވީ އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން މަސައްކަތް ކުރުމަށް ހަވާލުކުރި ނަމަވެސް އެ މަސައްކަތގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އެ މަޝްރޫއުގެ ދަށުން ހަވާލުކުރި ފްލެޓުތަކުގެ ތެރެއިން ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީކުރާ ފްލެޓު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން މިހާރު ބާރަށް ކުރިއަށްދާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 3 ގައި އިމާރަތްކުރާ ފްލެޓުތަކުގެ ޑިޒައިން އެޕްރޫވަލްކޮށް ނިމިފައިވާއިރު، މިހާރު އެ މަސައްކަތް އޮތީ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ 3260 ހައުސިން ޔުނިޓްގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށް ބިންގާ އަޅައިފައެވެ.
އެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 ގައި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)އާ ހަވާލުކޮށްގެން 1224 ހައުސިން ޔުނިޓް އަދި ފޭސް 3 ގައި ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ)އާ ހަވާލުކޮށްގެން 1190 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން 364 ހައުސިން ޔުނިޓް އަޅާއިރު އެފް ޑަބްލިއު ކޮންސްޓްރްކްޝަންއިން ފޭސް 1 ގައި 182 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.
އެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީއިން ދަނީ ކުރަމުންނެވެ.
އަދި މިދިޔަ މަހު އިތުރު 1000 ހައުސިން ޔުނިޓު އެޅުމަށް ވަނީ ކުންފިނިތަކާ ހަވާލުކޮށްފައެވެ. އެގޮތުން ފްލެޓު އެޅުމަށް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ޖޭވީ ޕާޓްނާޝިޕް - ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ރަޝީދު ކާޕެންޓްރީ އެންްޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިނިޓެޑްގެ އިތުރުން ޖޭވީ ޕާޓްނާޝިޕް - ފްލެކްސިން ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑެވެ. އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކަށް ހަވާލުކޮށްފައިވަނީ 200 ހައުސިން ޔުނިޓް އެޅުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް