"ސަރުކާރުން މަސައްކަތް ކުރަނީ ދަރަނި ދައްކަމުން، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް"
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ ---
ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނިތައް ދައްކަމުން އެ ރައްޔިތުންގެ އަސާސީ ކަންކަމަށް ދަތިނުވާނޭ ގޮތަށް ކަންކަން ބައްޓަންކޮށް މި ގައުމުގައި އިންވެސްޓުކުރާ ފަރާތްތަކުގެ އިތުބާރު ބޮޑުކުރަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ރޭ ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގައުމުގައި އިންވެސްޓުކުރާ ފަރާތްތަކުގެ އިތުބާރު ދަމަހައްޓަމުން، ރައްޔިތުންގެ ދިރިއުޅުމުގެ ހަދަދުތަކަށް ހޭދަވާ އަގުތައް ކުޑަކުރުމަށް މަސައްކަތް ކުރެވޭކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ.
ނަމަވެސް ސަރުކާރުން މަސައްކަތް ކުރީ ރައްޔިތުންނަށް ދަތި ނުވާނޭ ގޮތަށް، ބޭހާއި ކާޑާއި، ބޭރުގައި ކިޔަވާ ކުދިންގެ ކަންތައްތަކާއި، އަދިވެސް މުހިންމު ކަންކަން ކުރަމުން ގައުމު ޑިފޯލްޓުނުވެ ދަރަނިތައް ދައްކަމުން ގެންދަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ކުރި މަސައްކަތުން މިއަހަރު ފެށުނުއިރު ގައުމުގެ ރިޒާވު ތާރީހުގައި ވެސް މީގެ ކުރިން ރިޒާވު މަތި ނުކުރެވޭވަރަށް މަތިކުރެވުނުކަމަށެވެ. މިއަހަރުގެ ފެބްރުއަރީ މަސް އައިއިރު ރާއްޖޭގެ ރަސްމީ ރިޒާވް 1.2 ބިލިއަން ޑޮލަރަށް މަތިކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވިޔަފާރީގެ ބާޒާރަށް އައި ބޮޑެތި ބަދަލުތަކާއި ތެލުގެ އަގުތައް އިންތިހާއަށް އިތުރުވުމުގެ އިތުރުން ސުކޫކަށް މިއަހަރުގެ ޖޫން މަހު 520 މިލިއަން ޑޮލަރު ދެއްކުމުން ރިޒާވު ދަށްވިކަމަށެވެ.
ނަމަވެސް ކުރިއަށް އޮތްތާންގައި ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ، ރިޒާވު ކޮންމެ މަހެއްގައި ވެސް ރަނގަޅުވަމުން އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އިގްތިސާދު ރަނގަޅުކުރުމަށް މިހާރު ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް ވަރަށް ބޮަޑަށް އިތުރުވާނެކަމަށް ރައީސް ވިދާޅުވިއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް