ޚަބަރު

މާލެ ޓެކްސީ އެޕް ހެކް ކުރި ވާާހަކަ އަކީ ދޮގެއް، މައުލޫމާތު ލީކު ކޮށްފައި ވަނީ މުވައްޒަފެއް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މާލެ ޓެކްސީ އެޕް ހެކް ކުރި ވާާހަކަ އަކީ ދޮގެއް، މައުލޫމާތު ލީކު ކޮށްފައި ވަނީ މުވައްޒަފެއް

މާލެ ޓެކްސީ ޚިދުމަތުގައި ބޭނުން ކުރަމުން އަންނަ ކާރެއް މަގު މަތިން ދުއްވާފައި ދަނީ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ މާލެ ޓެކްސީ ޚިދުމަތުގައި ބޭނުން ކުރާ އެޕްލިކޭޝަން ހެކް ކޮށްފައިވާ ކަމަށް ބުނާ ވާހަކަ، އެމްޓީސީސީ އިން ދޮގު ކޮށްފި އެވެ.

މާލެ ޓެކްސީ ޚިދުމަތުގައި ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަން ހެކްކޮށް، އެ ޚިދުމަތް ހޯދާ ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކު ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އިތުރުން، ބައެއް ނޫސް ތަކުގައި ވެސް ވަނީ ޚަބަރު ގެނެސްފައި އެވެ. އެކަމާ ގުޅޭ ގޮތުން އެމްޓީސީސީ އިން ބުނެފައި ވަނީ، އެޕްލިކޭޝަން ހެކް ކުރި ވާހަކަ އަކީ ދޮގެއް ކަމަށެވެ. އަދި އެ އެޕްލިކޭޝަންގައި ހުރި މައުލޫމާތު ލީކު ކޮށްފައި ވަނީ އެ ކުންފުނީގެ މުވައްޒަފެއްކަން، މިހާތަނަށް ކުރި ތަހުގީގުން ދެނެގަނެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެގޮތުން އެމްޓީސީސީ އިން ބުނެފައި ވަނީ، އެޕްލިކޭޝަންގެ ބެކް އެންޑް ޑޭޓާ ބޭސް ސިސްޓަމްގައި ހުރި މައުލޫމާތަށް ބަަދަލު ތަކެއް ގެނެސް، އެ ސިސްޓަމްގައި ހުރި މައުލޫމާތުގެ ސްކްރީން ޝޮޓެއް ލީކު ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެމްޓީސީސީ އިން ބުނެފައި ވަނީ، އެ މުވައްޒަފު އެކަން ކުރީ އެއްވެސް ހުއްދައެއް ހޯދުމަކާ ނުލައި ކަމަށެވެ. އަދި އެއީ ސިޔާސީ މަޤުސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނެފައި ވަނީ ޑޭޓާ ބޭސްގެ އެ މައުލޫމާތަށް ބަދަލު ގެނެސްފައިވާކަން، އެ ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަ ކުރެވުމާ އެކު، ވަގުތުން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ސިސްޓަމް ޝަޓްޑައުން ކުރުމަށް ފަހު، ސެކިއުރިޓީ ލޮކްޑައުން ކަމަށް ގެންދިޔަ ކަމަށް ވެސް އެމްޓީސީސީ އިން ބުނެފައިވެ އެވެ. އެއާ އެކު ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އެ ސިސްޓަމް ރައްކާތެރިކަމ އެކު ރީސްޓޯކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައި އެވެ. އަދި އެކަމުގެ ސަބަބުން މާލެ ޓެކްސީގެ ޚިދުމަތް ހޯދުމުގައި އެއްވެސް ރައްޔިތަކަށް ދަތި ކަމެއް ދިމާވެފައި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައުލޫމާތު ލީކު ކޮށްފައި ވަނީ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފަކަށްވާއިރު، އެމްޓީސީސީ އިން މިހާރު ވަނީ އެ މުވައްޒަފު ވަޒީފާ އިން ސަސްޕެންޑު ކޮށްފައި އެވެ. އަދި މި މައްސަލައިގައި ކުންފުނީގެ އުސޫލު ތަކުގެ ތެރެއިން އެ މުވައްޒަފާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައި އެވެ.

މާލެ ޓެކްސީގެ ޚިދުމަތް ސަރުކާާރުން ފަށާފައި ވަނީ، ރައްޔިތުންނަށް ފަސޭހަ އިން ޓެކްސީ ހޯދުމާއި، ޓެކްސީގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަޤުސަދުގައި އެވެ. މި ޚިދުމަތާާ އެކު، މާލެ ތެރެއިން ޓެކްސީ ނުލިބުމުގެ ޝަކުވާ ތަކަށް ޙައްލު ލިބެން ފަށާފައިވާއިރު، މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ލުއި ފަސޭހަކަން ބޮޑުކަން ފާހަގަވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް