ހެޔޮވެރިކަމަކީ ރައްޔިތުންގެ އަޑު އަހައި، ފުރުސަތުތައް ފަހިކޮށްދިނުން: ޢަބްދުއް ރަޙީމް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އައިޕީޔޫގެ 153 ވަނަ އެސެމްބްލީގައި މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް ވާހަކަ ދައްކަވަނީ.
ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ޤާއިމުކުރުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަޑުއަހައި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، މުއައްސަސާތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަންކަމުގައި ހެދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޓެންޒޭނިއާގެ އަރޫޝާގައި ކުރިއަށްދާ އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޢަބްދުއް ރަޙީމް ވިދާޅުވީ، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ރައްޔިތުންނަށް އިސްކަންދޭ ވެރިކަމުގެ ނިޒާމަކާއި، ޖަވާބުދާރީވުމާއި، ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އަދި ރައްޔިތުންގެ އިތުބާރު މުހިންމު ކަމަށެވެ.
މި އަހަރުގެ އެސެމްބްލީގެ ޝިއާރަކީ "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުސަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމައުތައް ބާރުވެރިކުރުވުން" އެވެ.
މީގެ އިތުރުން، ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރަކީ ހަމައެކަނި ޤާނޫނު ހެދުން ނޫން ކަމަށާއި، ރައްޔިތުންގެ އަޑުއެހުމާއި، ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމާއި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުން ކުރެވޭކަން ކަށަވަރުކުރުމާއި، ނިންމުންތައް ނިންމުމުގައި މުޖުތަމައުތަކުގެ ބައިވެރިވުން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ފަސޭހަ އިން ޚިދުމަތްތައް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، "އީފާސް" ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ޖިއޮގްރަފީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވި، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސްދެވޭނެ ކަމަށް ވެސް ޢަބްދުއް ރަޙީމް ވިދާޅުވި އެވެ.
ރައްޔިތުންގެ އިތުބާރު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ލައްވަމުން، އެ އިތުބާރު ބިނާވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަމާއި އަދި ނެރެވޭ ނަތީޖާގެ މައްޗަށް ކަމުގައި ޢަބްދުއް ރަޙީމް ވަނީ ވިދާޅުވެފައި އެވެ. އަދި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި، ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ދައުރުގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުގެ ދައުރު ބޮޑު ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
އަދި، ހެޔޮވެރިކަމަކީ ސުލްހަމަސަލަސްކަމާއި ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް ޢަބްދުއް ރަޙީމްގެ ވާހަކައިގައި ފާހަގަ ކުރައްވާފައިވެ އެވެ. މެދުއިރުމައްޗާއި ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި، އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވައި، މަޝްވަރާ ކޮށްގެން ސުލްހަވެރި ހައްލުތައް ހޯދުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމުގެ އިތުރުން، އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި، އަދި، ސުލްހަވެރި ޙައްލުތަކަށް އެއްބާރުލުންދިނުމަކީ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ ޒިންމާއެއް ކަމަށް ވެސް ޢަބްދުއް ރަޙީމް ވިދާޅުވި އެވެ.
މީގެ އިތުރުން، ވެރިކަން ހިންގުމާއި މަޖިލިސްތަކުގެ ނިންމުންތައް ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ އަދި ނަތީޖާ ނެރެވޭ ކަންކަމަށް ވާން ޖެހޭނެ ކަމަށާއި، ސިޔާސަތުތަކާއި ޤާނޫނުތަކުގެ އަގު ވަޒަންކުރެވެންވާނީ ރައްޔިތުންނަށް އެއިން ލިބިދޭ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވެސް ޢަބްދުއް ރަޙީމް ވިދާޅުވި އެވެ.
ހަމަ އެހެންމެ ހެޔޮވެރިކަމެއްގެ ޙަޤީޤީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތަކުގެ ވަރުގަދަކަން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ދިރިއުޅުމަށް އެ މުއައްސަސާތަކުން ގެނެސްދޭ ހެޔޮ ބަދަލުތައް ކަމުގައި ވެސް ޢަބްދުއް ރަޙީމް ވިދާޅުވި އެވެ. އަދި، ޤާނޫނު ހަދާ މަޖިލިސްތަކަކީ މިހާރަށް ވުރެ ބޮޑަށް ހުޅުވާލެވިފައިވާ، ޝާމިލު، ރައްޔިތުންގެ އަޑު އަހާ، އަދި ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށާއި، ރައްޔިތުންގެ އިތުބާރު ގާއިމުކުރުމުގައި ދެފުށް ފެންނަ މިންވަރާއި ޖަވާބުދާރީވުން އިތުރުކުރުމަށާއި، މުޖުތަމައުތައް ބާރުވެރިކުރުމުގައި މައުލޫމާތު ލިބިގަތުމުގެ ފުރުސަތުތަކާއި ބައިވެރިވުން އިތުރުކުރުމަށް ޢަބްދުއް ރަޙީމް ގޮވާލެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް