ދިވެހިރާއްޖޭގެ ސަގާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން: ރައީސް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
ދިވެހިރާއްޖޭގެ ސަގާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ގައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ، މުއިއްޒު ވިދާޅުވީ ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ގައުމީ ހަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ހަގީގަތްތަކެއް ކަމަށެވެ.
އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގުސަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ގައުމީ ހަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމައަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމްދީން އައުމުގެ ކުރިން ދިވެހި މުޖުތަމަޢުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާއީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ހަގީގަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިންސާނީ ފުރާނައިގެ ހުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ މި މާތް ދީނުގެ ސަބަބުންކަންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް