ފަހު ވަގުތު ގަން ބަލިކޮށް ލ. އަތޮޅުގެ ޗެމްޕިއަންކަން އިސްދޫ ހޯދައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އިސްދޫ ޓީމް. -- ފޮޓޯ/ ލ.ގަން ކައުންސިލް
އެކި ފަހަރު މަތިން ފަސް ކުރަން ޖެހުނު އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ލ. އަތޮޅުގެ ފައިނަލް ކުޅެފި އެވެ.
ލ. ގަމާއި އިސްދޫ ބައްދަލުކުރި ވާދަވެރި ފައިނަލް މެޗުން އިސްދޫ މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ގޯލުން 2-1 އިންނެވެ.
ދެވަނަ ހާފު ފެށިގޮތަށް އަހުމަދު އަފްސާމް އިސްދޫ އަށް ލީޑު ނަގައިދިން އިރު ކުޑަ އިރުކޮޅެއް ފަހުން ހުސެއިން ޝަރީފް (އޮންލީ) ވަނީ ގަމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ފުރިހަމަ ވަގުތު އެއްވަރު ވެގެން ނިމެން ދަނިކޮށް އެންމެ ފަހު ސިކުންތުކޮޅު ތެރޭ އިސްދޫ މޮޅުވި ލަނޑު ޖެހީ ލޫތު އަހުމަދު ފަތުހީ އެވެ.
މި ފައިނަލް މެޗަކީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުމަށް ތާވަލް ކުރެވުނު މެޗެކެވެ ނަމަވެސް އެކި ފަހަރު މަތިން މެޗު ފަސްކޮށް، ފައިނަލް މެޗާ އެކު މުބާރާތް މިރޭ މި ވަނީ ނިންމާލައިފަ އެވެ.
މިއާ އެކު އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ކުޅުން މި ވަނީ ނިމިފަ އެވެ. ކުރިއަށް ދެން އޮންނާނީ ޒޯން ބުރުގެ ކުޅުމެވެ. އެޓޯލް ޗެމްޕިއަންޝިޕްސްގެ ފައިނަލްތަކުގައި ކުޅުނު ޓީމުތަކަށް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފަ އެވެ. އެގޮތުން ލ. އަތޮޅުގެ ފައިނަލްގައި މިޜޭ ބައްދަލުކުރި ގަމާއި އިސްދޫ ވެސް ޒޯން ބުރުގައި ވާދަ ކުރާނެ އެވެ.
ޒޯން ބުރުގެ ކުޅުން ކުރިއަށް ގެންދާނީ ކޮންމެ ރީޖަން އެއް ދެ ޒޯނަށް ބަހާލައިގެންނެވެ. ޒޯން ބުރުގެ މެޗުތައް ހޯސްޓް ކުރާނެ ރަށްތައް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.
ޒޯން ބުރުގެ ހޯސްޓް ރަށްތައް:
ނޯތު ރީޖަން - ޒޯން 1: ހދ. ނައިވާދޫ (ވާދަކުރާނީ ހއ. ހދ. ށ. އަތޮޅު)
ނޯތު ރީޖަން - ޒޯން 2: ނ. މަނަދޫ (ވާދަކުރާނީ ނ. ރ. ބ. ޅ. އަތޮޅު)
ސެންޓްރަލް ރީޖަން - ޒޯން 1: ކ. ހިންމަފުށި (ވާދަކުރާނީ ކ. އއ. އދ. އަތޮޅު)
ސެންޓްރަލް ރީޖަން - ޒޯން 2: ދ. ކުޑަހުވަދޫ (ވާދަކުރާނީ ވ. މ. ފ. ދ. އަތޮޅު)
ސައުތު ރީޖަން - ޒޯން 1: ތ. ތިމަރަފުށި (ވާދަކުރާނީ ތ. ލ. ގއ. އަތޮޅު)
ސައުތު ރީޖަން - ޒޯން 2: ޏ. ފުވައްމުލައް (ވާދަކުރާނީ ގދ. ޏ. ސ. އަތޮޅު)
އަތޮޅު ފުޓްސަލްގެ ފޯމެޓް އެކުލަވާލެވިފައި ވަނީ މުޅި ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލައިގެންނެވެ. ނޯތު، ސެންޓްރަލް، ސައުތު އަދި މާލޭ ރީޖަން އަށް ބަހާލާފައި ވާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ހިމެނެނީ އެންމެ ދެކުނުގައި އޮންނަ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދު އެއީ ވަކި ރީޖަންއެކެވެ.
ނޯތު ރީޖަންގެ ށ އަތޮޅުގެ އިތުރުން ސެންޓްރަލް ރީޖަންގެ ވ އަތޮޅާއި ސައުތު ރީޖަން އިން ޏ އަދި ސ އަތޮޅުން ވެސް އަތޮޅު ބުރުގައި ބައިވެރިވީ އެއް ޓީމެވެ. މިއާ ގުޅިގެން އެ ހަތަރު ރަށް ވެސް ވަނީ އޮޓަމެޓިކުން ޒޯން ބުރަށް ކޮލިފައި ވެފަ އެވެ.
ހަމަ އެގޮތުން މާލޭ ރީޖަން އިން ވެސް މުބާރާތުގައި ބައިވެރިވީ އެންމެ ޓީމެކެވެ. މިއާ ގުޅިގެން މާލޭ ރީޖަން އިން ވާދަ ކުރާ ހަމައެކަނި ޓީމަށް ވަނީ މޯލްޑިވްސް ފުޓްސަލް ލީގުގެ ޖާގައެއް ޔަގީން ވެފަ އެވެ.
އެންމެ ފުރަތަމަ މޯލްޑިވްސް ފުޓްސަލް ލީގު ކުރިއަށް ދާނީ 12 ޓީމާ އެކު އެވެ. ހަތަރު ރީޖަންގެ އެއްވަނަ ޓީމުގެ އިތުރުން ދެން ހިމެނޭނީ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ އަށް ޓީމެވެ.
އެޓޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގެ ނަތީޖާތައް:
ހއ. އަތޮޅު - އިހަވަންދޫ 5-0 ފިއްލަދޫ
ހދ. އަތޮޅު: ހަނިމާދޫ 2-0 ނައިވާދޫ
ނ. އަތޮޅު: މަގޫދޫ 5-0 މަނަދޫ
ރ. އަތޮޅު: ދުވާފަރު 3-1 އިނގުރައިދޫ
ބ. އަތޮޅު: އޭދަފުށި 2-0 ތުޅާދޫ
ޅ. އަތޮޅު: ހިންނަވަރު 2-1 ނައިފަރު
ކ. އަތޮޅު: ގާފަރު 5-2 ހިންމަފުށި
އއ. އަތޮޅު: މަތިވެރި 1-0 ބޮޑުފޮޅުދޫ
އދ. އަތޮޅު: ދަނގެތި 1-1 (4-3 ޕެނަލްޓީ) މަންދޫ
މ. އަތޮޅު: ދިއްގަރު 3-1 ވޭވަށް
ފ. އަތޮޅު: ނިލަންދޫ 12-2 ދަރަނބޫދޫ
ދ. އަތޮޅު: މާއެނބޫދޫ 3-0 ކުޑަހުވަދޫ
ތ. އަތޮޅު: ތިމަރަފުށި 2-1 ވޭމަންޑޫ
ލ. އަތޮޅު: ގަން 1-2 އިސްދޫ
ގއ. އަތޮޅު: ދެއްވަދޫ 4-0 ވިލިނގިލި
ގދ. އަތޮޅު: ވާދޫ 3-1 ފަރެސްމާތޮޑާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް