ޚަބަރު

މިއީ ޕީއެންސީގެ ވެރިކަން 2028 ގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ފެށުމެއް: މުންދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މިއީ ޕީއެންސީގެ ވެރިކަން 2028 ގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ފެށުމެއް: މުންދު

ޕީއެންސީގެ ކޮންގްރެސްގެ ތެރޭގައި މުންދު އާއި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް އަކީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެ ޕާޓީގެ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތުގެ ފެށުމެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ދެއްވި އިންޓަވިޔުއެއްގައި މުންދު ވަނީ، އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ ތެރޭގައި ޕީއެންސީ އުފެއްދުމަށް ކުރެވުނު މަސައްކަތްތަކުގެ ހަނދާން އައު ކުރައްވައިފަ އެވެ. އެ މަސައްކަތުގެ ފަހުން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު އިޚުތިޔާރު ކުރެވި، ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމަށް އާދެވުމަކީ ޕާޓީ އަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި މުންދު ސިފަ ކުރެއްވި އެވެ.

މުންދު ވިދާޅުވީ ޕީއެންސީ ވެރިކަމަށް ގެނެސްދެއްވައި، ޕާޓީ އަށް ކުރިމަގެއް ހޯދުމަށް އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް އާއެކު ކުރެވުނު މަސައްކަތްތައް މިއަދު ހަނދާން ހުންނަ ކަަމަށެވެ. އޭރު ރަށް ރަށުގެ ރައްޔިތުންނާ އެކު ޤާއިމު ކުރެވުނު ގާތް ގުޅުން، މިއަދާ ހަމައަށް އާދެވުނުއިރު ވެސް ދެމެހެއްޓިފައިވާ ކަމަށް މުންދު ފާހަގަ ކުރެއްވި އެވެ. ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ފެނިގެން ދަނީ އެ މަންޒަރު ކަމަށާއި، މެމްބަރުންނަކީ ޕާޓީގެ އެންމެ ބޮޑު ރައުސުލްމާލުގެ ގޮތުގައި ދެކިގެން ކުރިއަށްދާ ކަމަށް މުންދު ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން މުންދު ވިދާޅުވެފައި ވަނީ، ޕީއެންސީގެ މި ކޮންގްރެސް އަކީ އެ ޕާޓީ އަށް ވަރަށް މުހިންމު މަސައްކަތެއްގެ ފެށުން ކަމަށެވެ. ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީ އަކަށް މިހާތަނަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯދިފައި ނެތްކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ޕީއެންސީގެ ވެރިކަން ދެމެހެއްޓުން ކަަމަށެވެ އިރާދަކުރެއްވިއްޔާ ޕީއެންސީ އިން އެކަން ކާމިޔާބު ކުރާނެ ކަމަަށް ވެސް މުންދު ވިދާޅުވެފައިވެ އެވެ.

މުންދު ވިދާޅުވީ ޕީއެންސީ އަކީ މާޒީގެ ތަޖުރިބާ އިން ފިޔަވާޅުތަކެއް ނަގައި، އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ދިޔުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. ޕީއެންސީގެ ކޮންގްރެސްގައި ރާއްޖެއާ ރަޙުމަތްތެރި ބައެއް ޤައުމު ތަކުގައި ވެރިކަން ކުރާ ޕާޓީ ތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސްގައި ބެސްޓް ޕްރެކްޓިކްސް އާއި ދުނިޔޭގެ ތަޖުރިބާހުރި ޕާޓީ ތަކުގެ ތަޖުރިބާ އިން ކަންކަން ދެނެގަންނަމުން ގެންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް