ފުޓްސަލް ގައުމީ ޓީމު ޗައިނާގެ މުބާރާތަކަށް ތައްޔާރުވަނީ
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމް -- ފޮޓޯ/ އެފްއޭއެމް
އަންނަ މަހު ޗައިނާގައި ބާއްވާ އިންވިޓޭޝަނަލް ފުޓްސަލް މުބާރާތެއްގައި ވާދަ ކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ގައުމީ ޓީމުގެ ފަރިތަކުރުންތައް ވަނީ ފަށައިފަ އެވެ. މިއާ ގުޅިގެން ރާއްޖޭގެ ގައުމީ ޓީމު ވާދަކުރާ މުބާރާތާއި، ރާއްޖޭގެ މެޗުތަކުގެ ޝެޑިއުލް އެފްއޭއެމް އިން މިއަދު ވަނީ އާއްމު ކޮށްފަ އެވެ.
ޗައިނާގެ ޔިންޗުއާން ސިޓީގައި ބާއްވާ "ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް ޓޯނަމަބްޓް"ގައި ޖުމްލަ ހަތަރު ގައުމަކުން ވާދަ ކުރެ އެވެ. މުބާރާތުގައި ނޮވެމްބަރު 5 ގައި ފުރަތަމަ ރާއްޖެ ކުޅޭނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. އެއަށް ފަހު ނޮވެމްބަރު 7 ގައި ހޮންގް ކޮންގް އާ ދެކޮޅަށް ކުޅުމަށް ފަހު ޗައިނާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 9 ގަ އެވެ.
ދިވެހިރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުން މި އަހަރު ވަނީ އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށް، ސަރަހައްދީ ފެންވަރުގައި އެންމެ ކުރި ހޯދައިފަ އެވެ.
ހަމަ އެއާއެކު ގައުމީ ފެންވަރުގައި ފުޓްސަލް ތަރައްގީ ކުރުމުގެ ގޮތުން އެފްއޭއެމް އިން ފުޓްސަލް ލީގު ސިސްޓަމެއް ތައާރަފްކޮށް، މޯލްޑިވްސް ފުޓްސަލް ލީގު ބާއްވަން ނިންމައި ކޮލިފައިން ބުރުތައް ވަނީ ފަށައިފަ އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާ އޮތް "އެފްއޭއެމް އެވޯޑްސް 2026" ގައި ވަނީ ރާއްޖޭގައި މުޅިން އަލަށް ގައުމީ ފެންވަރުގައި ފުޓްސަލްގެ އެވޯޑް ވެސް ދޭން ފަށައިފަ އެވެ. މި ހަފްލާގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ގައުމީ ޓީމްގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް