ޚަބަރު

ބޮޑުވަމުން އަންނަ ޖީލަކީ ޤުރްއާނާ ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުހިންމު ޒިންމާއެއް: ނައިބު ރައީސް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ބޮޑުވަމުން އަންނަ ޖީލަކީ ޤުރްއާނާ ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުހިންމު ޒިންމާއެއް: ނައިބު ރައީސް

ނައިބު ރައީސް ލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ކިރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކީރިތި ޤުރްއާނުގެ ޢިލްމު އުނގަންނައިދީ، ކުދިންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމުގެ ރިވެތި އާދަ އަށަގަންނުވައި، ބޮޑުވަމުން އަންނަ ޖީލަކީ ކީރިތި ޤުރްއާނާ ނުހަނު ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، މުޅި މުޖުތަމަޢު އަދާކުރަންޖެހޭ މުހިންމު ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ފިދާޅުވެއްޖެއެވެ.

ރޭ އިސްލާމިކް މަރުކަޒުގައި ކިރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ ޤުރްއާން ކިޔެވުމުގެ ރިވެތި އާދަ އަށަގަންނުވައި، އައު ޖީލަކީ ގުރުއާނާ ރަށްޓެހި ބަޔަކަށް ހެދުމުގެ ޒިންމާ ފުރިހަމަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.

މީގެއިތުރުން ކީރިތި ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ބައިވެރީންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ.

ތިމާ އާއި ކީރިތި ޤުރްއާނާ އޮތް ގުޅުމަކީ ވަކި މުބާރާތަކުން ނިމިގެންދާ ކަމެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، ޤުރްއާނުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށާއި، ބައިވެރީންގެ ޢަމަލުތަކާއި ސުލޫކަކީ ޤުރްއާނުގެ އަލީގައި ބައްޓަންވެފައިވާ ރިވެތި ސިފަތަކަކަށް ހަދައި، ޤައުމާއި މުޖުތަމަޢަށް ނަމޫނާ، ޚިދުމަތްތެރި ދަރިންތަކަކަށް ވުމަށް ވެސް ނައިބުރައީސް ވަނީ ނަސޭހަތްތެރުވެފައެވެ.

މުބާރާތުގެ ނަތީޖާއަށްވުރެ ބޮޑަށް، ޤުރްއާނަށް ކުދީންގެ ހިތްތަކުގައި އޮތް ލޯބި ދެމެހެއްޓުމަށް ބާރުއަޅުއްވައިދެއްވުމަށް ބައިވެރިންގެ ބެލެނިވެރިންގެ އަރިހުން އެމަނިކުފާނު ވަނީ އެދިލައްވައިފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ތައުލީމާއި ޤުރްއާނުގެ އިލްމު ފުޅާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ކުރިއަށްއޮތް ދުވަސްތަކުގައިވެސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ޤުރްއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމާއި، މުދައްރިސުން ތަމްރީނުކުރުމުގެ ފުރުސަތުތައް އިތުރުކުރުމުގެ މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް