އޭޝިއަން ގޭމްސް 2026: އެތުލެޓިކްސްގައި ޒުއިޒްގެ ޕާސަނަލް ބެސްޓެއް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ޒުއިޒް މިއަދުގެ އިވެންޓްގައި ދުވަނީ. -- ފޮޓޯ/ އެމްއޯސީ: އައްފާން
އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ދިވެހި އެތުލެޓިކްސް ޓީމުގެ ތިންވަނަ އިވެންޓު ކަމަށްވާ ފިރިހެނުންގެ 200 މީޓަރު ދުވުމުގައި މިއަދު މުހައްމަދު ޒުއިޒް ސުއާދު އޭނާގެ ޕާސަނަލް ބެސްޓް ޓައިމިން އާކޮށްފި އެވެ.
ނަގޯޔާގެ މިޒުހޯ ޕާކް އެތުލެޓިކް ސްޓޭޑިއަމްގައި މިއަދު އޮތް ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ހީޓު 2 ގައި ޒުއިޒް ރޭސް ނިންމީ 22.70 ސިކުންތުންނެވެ.
ޒުއިޒްގެ މި ޓައިމިންއަކީ އޭނާގެ ޕާސަނަލް ބެސްޓް ޓައިމިންއެކެވެ. މީގެ ކުރިން މި އިވެންޓްގައި އޭނާގެ ޕާސަނަލް ބެސްޓް ޓައިމިން އަކީ 22.82 ސިކުންތެވެ. އެއީ މިދިޔަ އަހަރު ހޯދި ނަތީޖާއެކެވެ. މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޭނާގެ ޓައިމިންއަކީ 22.85 ސިކުންތެވެ.
އަދު އޮތް ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ހީޓު 1ގައި އިބްރާހިމް ނާހިލް ނިޒާރު ވަނީ 22.62 ސިކުންތުން ރޭސް ނިންމާފައިއެވެ. ޖުމްލަ 7 ދުވުންތެރިން ބައިވެރިވިމި ހީޓުގައި ނާހިލް ރޭސް ނިންމީ 5 ވަނައިގަ އެވެ.
އެތުލެޓިކްސްގައި އިއްޔެ ވަނީ ފިރިހެނުންގެ 400 މީޓަރު އިވެންޓް ކުރިއަށް ގެންގޮސްފަ އެވެ. މި އިވެންޓްގައި ރާއްޖޭން ދުވީ އާދަމް ރިއްފަތާއި ހުސެއިން ޒީކް ސުއާދެވެ. ހީޓު 1 ގައި ރިއްފަތު ވަނީ 49.61 ސިކުންތުން ރޭސް ނިންމައިފަ އެވެ. ހީޓު 2 ގައި ޒީކް ރޭސް ނިންމީ 50.77 ސިކުންތުންނެވެ.
އެތުލެޓިކްސްގެ އިވެންޓްތައް ބުރާސްފަތި ދުވަހު ފެށިފައި ވާއިރު، ފުރަތަމަ ދުވަހު 100 މީޓަރު އިވެންޓްގައި ހަސަން ސާއިދާއި އިބާދުﷲ އާދަމް ވާދަ ކޮށްފައިވެ އެވެ. ހީޓު 5 ގައި ސާއިދު ވަނީ 10.85 ސިކުންތުން ރޭސް ނިންމައިފަ އެވެ. މި ރޭހުގެ ހީޓު 1 ގައި އިބާދުﷲ ރޭސް ނިންމީ 11.06 ސިކުންތުންނެވެ. ހަތް ދުވުންތެރިން ބައިވެރިވި މި ރޭސް އިބާދުﷲ ނިންމީ 6 ވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް