ކުރިން ކަނޑައަޅާފައި އޮތް މުއްދަތު އަވަސްކޮށް، ބިދޭސީންގެ މައްސަލަ ނޮވެމްބަރު 17 އަށް ޙައްލު ކުރަނީ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް، މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފައިފި އެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ނޮވެމްވަރު މަހުގެ 17 ވަނަ ދުވަހަށް އެއްކޮށް ޙައްލު ކުރުމަށް އަމާޒުކޮށްގެން މަސައްކަތް ކުރާ ކަމަށާއި، އެކަން އެގޮތަށް ކުރެއްވުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވެފައި ވަނީ، ބިދޭސީންގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ކުރިން އަމާޒު ކޮށްފައި އޮތީ 2027 ވަަނަ އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެން ނަމަވެސް، ރައީސް މުޢިއްޒު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް މި މައްސަލަ އެއްކޮށް ޙައްލު ކުރުމަށް އިރުޝާދު ދެއްވާފައި އެވެ. ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ރައީސް މުޢިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރޭ ދުވަހެވެ.
މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، އިނގިލީގެ ނިޝާން އަދި ބަޔޯމެޓްރިކް ބޭނުންވާ 800 ބިދޭސީން މިވަގުތު އެބަ ތިބި ކަމަށެވެ. އެހެން ނަމަވެސް، އެ އެންމެންނަކީ މިވަގުތު ރާއްޖޭގައި ތިބި ބައެއްކަން ޔަޤީން ކުރެވެން ނެތް ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ހަމައެހެންމެ، ބައެއް ބިދޭސީން ރާއްޖެ ގެނައި ފަރާތްތަަކަށް ވެސް، އެ މީހުން މިހާރު ވީ ކޮންތަނެއްގައިކަން ނޭނގޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގައި 295،000 ބިދޭސީން އުޅެމުން ދިޔަ އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން އިނގިލީގެ ނިޝާން ނަގައި، ދެނެގަތުމުގެ މަރުހަލާ ފުރިހަމަކޮށްފައި ވަނީ 22،000 މީހުން ކަަމަށްވާއިރު، މި ސަރުކާރުން ވަނީ އެ މަސައްކަތް އަލުން ކުރިއަށް ގެންގޮސް 260،000 އަށް ވުރެ ގިނަ ބިދޭސީން ދެނެގަނެފައި އެވެ.
ސަރުކާރުން އަންނަނީ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ދެނެގަނެ، އެ މީހުން އަނބުރާ ފޮނުވާލުމަށް ސަރުކާރުން ވަނީ މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް