ޕްރިމިއާ ލީގު ބްރޭކަށް ދިޔުމުގެ ކުރިން ބިސް ބުރު ފުރަތަމަ މޮޅު ހޯދައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ބިސްބުރުގެ ގޯލު ޖެހުމަށް ފަހު -- ފޮޓޯ/ އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލުމުގެ ކުރިން ބިސް ބުރު ސްޕޯޜްސް ކްލަބް ފުރަތަމަ މޮޅު ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ބިސް ބުރު މޮޅުވީ ދިއްދޫ ސްޕޯޓްސްއާ ވާދަކޮށް 1-0 އިންނެވެ. ބިސްބުރުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ ބާނަބަސް ފްރައިޑޭ އަކަންމިޑޫ އެވެ.
މިއީ މި ސީޒަންގެ ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ބިސް ބުރު މޮޅުވި ފުރަތަމަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ އީގަލްސް އަތުން 3-1 އިން ބަލިވެފަ އެވެ.
އިއްޔެ ހަވީރު ގައްދޫ ސްޓޭޑިއަމްގައި އީގަލްސް ވަނީ 2-0 އިން ގައްދޫ ރެކްރިއޭޝަންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އީގަލްސް އާއި ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ/ އެފްއޭއެމް
އީގަލްސްގެ ދެ ގޯލު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު އިސްމާއިލް އީސަ (މެސީ) ޖަހައިދިން އިރު، މެޗުގެ އިތުރު ވަގުތުގައި ލީޑު ފުޅާ ކުރި ލަނޑު ޖަހައިދިނީ މުހައްމަދު ޖައިލަމް (އޮގީ) އެވެ.
މުޅިން އަލަށް ހޯމް އެންޑް އަވޭ އުސޫލުން ޕްރިމިއާ ލީގު ކުރިއަށް ގެންދާއިރު، ދިއްދޫ އާއި ގައްދޫ ފިޔަވައި ދެން ކޮންމެ ކްލަބެއް ވަނީ މިހާތަނަށް ދެ މެޗު ކުޅެފަ އެވެ. ދިއްދޫ އެ ޓީމުގެ ތިން މެޗު ވެސް އަވޭގައި، ގަލޮޅު ދަނޑުގައި ކުޅެފައި ވާއިރު، ގައްދޫގެ ފުރަތަމަ ތިން މެޗު ވެސް ކުޅެފައި ވަނީ އެ ޓީމުގެ ހޯމް، އަމިއްލަ ދަނޑުގަ އެވެ.
މި އިންޓަނޭޝަނަލް ބްރޭކަށް ފަހު ލީގު އަލުން ފެށިގެން ކުރިއަށް ދާއިރު، ނޮވެމްބަރު މަހުގެ ސާފް ޗެމްޕިއަންޝިޕަށް މެދުކަނޑާލުމުގެ ކުރިން ދިއްދޫގައި ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެއީ އޮކްޓޫބަރު 10 ގައި ދިއްދޫ އާއި ނިއުރޭޑިއަންޓް ބައްދަލުކުރާ މެޗާއި، 16 ވަނަ ދުވަހު އީގަލްސް އާއި ދިއްދޫ ބައްދަލު ކުރާ މެޗުގެ އިތުރުން 20 ވަނަ ދުވަހު ދިއްދޫ އާއި ޓީސީ ބައްދަލުކުރާ މެޗެވެ.
މި ވަގުތު ލީގު ތާވަލަށް ބަލައިލާއިރު، ވިކްޓަރީ އާއި އީގަލްސް އަދި ނިއު ރޭޑިއަންޓް ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އޮޑި އާއި މާޒިޔާ އަދި ދިއްދޫ ސްޕޯޓްސް އާއި ބިސްބުރާއި ޓީސީ ސްޕޯޓްސް ކްލަބް ވެސް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. މިހާތަނަށް ޕޮއިންޓެއް ނުހޯދި އޮތީ ބުރު ސްޕޯޓްސް ކްލަބާއި ގައްދޫ އާރުސީ އެވެ.
މި ނަތީޖާތަކާ އެކު ޕްރިމިއާ ލީގު މި ވަނީ އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލައިފަ އެވެ. ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ މަހުގެ ނުވަވަަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް