ވިލިމާލޭގައި 1000 މީހުންގެ ޖާގައިގެ މިސްކިތެއް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ވިލިމާލޭގައި ޤާއިމުކުރާ 1000 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ވިލިމާލޭގައި ޤާއިމުކުރާ 1000 މީހުންގެ ޖާގައިގެ މިސްކިތެއްގެ ބިންގާ އަޅައިފި އެވެ.
ވިލިމާލޭ މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ ޒަމާނީ ފެންވަރުގެ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. ހުކުރު ދުވަހުގެ ހަވީރު ވިލިމާލޭގައި ބޭއްވި އެ ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އަޙުމަދު އުޝާމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
1000 މީހުންގެ ޖާގައިގެ މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް މިސްކިތަކަށެވެ. އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑޮކްޓަރު ޝަހީމް ވިދާޅުވީ، އެއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް، އަދި ރީތި މިސްކިތަކަށް ވާނެ ކަމަށެވެ. އެއީ ވިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދިގެން ތިބި ކަމެއް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިއީ ދެ ބުރީގެ މިސްކިތަކަށްވާއިރު، މި މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން، ދެ ކުލާސް ރޫމް އާއި އިމާމު ރޫމެއް ވެސް ހުންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް