2008 ގެ ހަނދާންތައް: ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
2008 ގެ ޗެމްޕިއަންކަން ހޯދި ޓީމު، 2016 ގައި ކުޅުނު ރަމްޒީ މެޗެއްގެ ކުރިން. -- ފޮޓޯ/ އިމޭޖަސް.އެމްވީ
މި އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތުގެ ތާވަލު އިއުލާން ކޮށްފައި ވާއިރު، ރާއްޖޭގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.
މުބާރާތް ފަށާ މެޗަކަށް މިއީ، ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ 2008 ވަނަ އަހަރުގެ މުބާރާތުގެ ހަނދާންތައް އާކޮށްދޭނޭ މެޗެކެވެ.
ދިވެހިރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި 2008 ވަނަ އަހަރުގެ މުބާރާތް ވެސް ރާއްޖޭން ފެށީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 0-3 އިން ޕާކިސްތާން ބަލިކޮށްގެންނެވެ. މި އަހަރު ވެގެންދާނީ އެ ފަހަރަށްފަހު މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރާނެ ފުރަތަމަ ފަހަރަށެވެ.
ހަމަ އެއާއެކު މިއީ 2008 ވަނަ އަހަރަށްފަހު ރާއްޖެ، އިންޑިއާ އަދި ޕާކިސްތާން އެއް ގްރޫޕެއްގައި ހިމެނުނު ހަމައެކަނި ފަހަރު ވެސް މެއެވެ. އެ އަހަރުގެ ގްރޫޕް ސްޓޭޖުގައި މި ތިން ޓީމުގެ އިތުރުން ނޭޕާލްވެސް ހިމެނުނެވެ.
މި އަހަރުގެ ގުރޫޕްތައް
ގްރޫޕް "އޭ": ބަންގްލަދޭޝް، ސްރީ ލަންކާ، ބޫޓާން
ގްރޫޕް "ބީ": ދިވެހިރާއްޖެ، އިންޑިއާ، ޕާކިސްތާން
މިވަގުތު ނޭޕާލް އޮތީ ސަސްޕެންޝަނެއްގައި ކަމަށް ވުމުން، މި އަހަރު ރާއްޖެ ހިމެނޭ ގްރޫޕް "ބީ" ގައި ހިމެނެނީ ސީދާ ތިން ޓީމެވެ. ސަސްޕެންޝަން އުވާލައި ނޭޕާލަށް މުބާރާތުގައި ބައިވެރިވެވޭ ގޮތް ވި ނަމަވެސް، އެ ޓީމު ހިމެނޭނީ ގްރޫޕް "އޭ" ގައެވެ.
މުބާރާތުގެ ތާވަލް އާއްމު ކޮށްފައިވާ ގޮތުން ސާފް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 5 ގަ އެވެ. ނަމަވެސް ނޭޕާލް މުބާރާތުގައި ބައިވެރި ވުމާ މެދު ގޮތެއް ނިމުމުން މިހާރުގެ ތާވަލަށް ބަދަލުތަކެއް އައުން އެކަށީގެން ވާކަމަށް ސާފް އިން ހާމަ ކުރެ އެވެ. އެގޮތުން ނޭޕާލް ވާދަ ކުރާ ނަމަ މުބާރާތް ފަށާނީ ނޮވެމްބަރު 4 ގަ އެވެ.
ރާއްޖޭގެ މެޗުތައް:
ނޮވެމްބަރު 8: ރާއްޖެ - ޕާކިސްތާން
ނޮވެމްބަރު 11: ރާއްޖެ - އިންޑިއާ
ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ތާވަލް ކުރެވިފައި ވަނީ ނޮވެމްބަރު 14 އަށެވެ. އަދި ފައިނަލް މެޗު ކުޅޭނީ ނޮވެމްބަރު 17 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް