Article Top
ޚަބަރު •

ހޭވެސް އަހާ ނުލައި ރަށްތަކާއި ފަޅުތައް ވިއްކުމަށް ފަހު، މިހާރު ރެފެރެންޑަމަށް ގޮވާތީ އައިބު: ވައްޑެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހޭވެސް އަހާ ނުލައި ރަށްތަކާއި ފަޅުތައް ވިއްކުމަށް ފަހު، މިހާރު ރެފެރެންޑަމަށް ގޮވާތީ އައިބު: ވައްޑެ

އުނގޫފާރު ދާައިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ).

ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދަން އުޅޭ ބިޔަ މަޝްރޫއުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރެފެރެންޑަމް) ނެގުމަށް އިދިކޮޅު އެމްޑީޕީ އިން ގޮވާލާތީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީ އިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، ޤަރާރެއް ފާސްކޮށްފައި އެވެ. އެ ޖަލްސާގައި ބައިވެރިވި މެމްބަރުން ވަނީ އެކަމަށް ތާއީދުކޮށް ވާހަކަ ވެސް ދައްކަވައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިސް މެމްބަރުން ވެސް ހިމެނެ އެވެ.

އެމްޑީޕީގައި އިސްކޮށް މަސައްކަތް ކޮށްފައިވާ، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ވައްޑެ ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަތޮޅު އިހުތިސާސް ތެރެއަށް ހުރިހާ ފަޅުރަށާއި، ފަޅުތައް ލައިދޭން ވައުދުވުމަށް ފަހު، އަތޮޅު ކައުންސިލްތަކާ މަޝްވަރާ ކޮށްގެން މެނުވީ ރަށެއް ފަޅެއް ނުދެވޭނެ ކަމަށް ޤާނޫނު އަސާސީގައި ވެސް ލިޔުމަށް ފަހު، އެކަމު ހޭވެސް އަހާ ނުލައި ރަށްތަކާއި ފަޅުތައް ވިއްކާލުމަށް ފަހު، މިހާރު ކުއްލިއަކަށް ރެފެރެންޑަމަށް ގޮވާލާތީ އައިބު ކަމަށެވެ.

"އަތޮޅު އިޚްތިސާސްތެރެއަށް ހުރިހާ ފަޅުރަށާ ފަޅުތައް ލައިދޭން ވައުދުވެ، އަތޮޅު ކައުންސިލްތަކާ މަޝްވަރާކޮށްގެން މެނުވީ ރަށެއް ފަޅެއް ނުދެވޭނެ ކަމަށް ޤާނޫނުގައިވެސް ލިޔެ، އެކަމު ހޭވެސް އަހާނުލައި ރަށްތަކާ ފަޅުތައް ވިއްކާނަގާފައި، މިހާރު ކުއްލިއަކަށް ރެފެރެންޑަމަށް ގޮވީމާ އައިބު." އެކްސްގައި ވައްޑެ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން ވައްޑެ ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީ ބޮޑު ވައްކަމުގެ ތެރެއިން ރ. އަތޮޅުން އެކަނި ވެސް ބޮޑު 14 ފަޅުރަށާއި ފަޅު ވިއްކި ކަމަށެވެ. ނަމަވެސް ދައުލަތަށް ވަތް ލޯ ލާރިއެއް ނެތް ކަމަށާއި، އެކަން ބަލަން އައި ވެރިކަމަށް ފަހުން ވެސް ކުރެވުނު އެއްކަމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ ބޮޑު ވައްކަމުގެ ތެރެއިން ރ.އަތޮޅުން އެކަނިވެސް ބޮޑު 14 ފަޅުރަށާ ފަޅު ވިއްކި. ދައުލަތަށް ވަތް ލޯލާރިއެއް ނެތް. އެކަން ބަލަން އައި ވެރިކަމަށް ފަހުންވެސް ކުރެވުނު އެއްކަމެއް ނެތް." އިތުރު ޕޯސްޓެއްގައި ވައްޑެ ވިދާޅުވެފައިވެ އެވެ.

ވައްޑެ މިހެން ވިދާޅުވެފައިވާއިރު، ރަސްމާލެ މަޝްރޫއުއާ މެދު އެމްޑީޕީގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިފައި އެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް ނަޝީދު ވަނީ، އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ މަޝްރޫއަށް ތާއީދު ކުރައްވާ ކަމަށް ފާޅުކަން ބޮޑު ގޮތެއްގަައި ވިދާޅުވެފައި އެވެ. އަދި މަޝްރޫއުއާ ދެކޮޅު ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން އެ މަޝްރޫއުއާ ދެކޮޅަށް ވާހަކަ ދައްކަމުން އަންނާތީ، ރައީސް ނަޝީދު ވަނީ ޔޫއޭއީ އާއި އީގަލް ހިލްސް އަދި އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރަށް ފުރައްސާރަ ކުރުމަކީ ދިވެހިންނަށް ގެއްލުންހުރި ކަމެއް ކަމަށް ވެސް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް