Article Top
ކުޅިވަރު •

ބަލި ނުވެ ސީޒަންގެ ހުރިހާ ތަށްޓެއް ވެމްކޯ އަށް، ގައުމީ ތަށި ޖެހިޖެހިގެން ފަސްވަނަ ފަހަރަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ބަލި ނުވެ ސީޒަންގެ ހުރިހާ ތަށްޓެއް ވެމްކޯ އަށް، ގައުމީ ތަށި ޖެހިޖެހިގެން ފަސްވަނަ ފަހަރަށް

ކްލަބް ވެމްކޯ، ސީޒަންގެ ތިން ތަށްޓާ އެކު -- ފޮޓޯ/ވީއޭއެމް

ވޮލީ ސީޒަނުގެ ތިން މުބާރާތުގެ މެޗަކުންވެސް ބަލިނުވެ، ކުލަބް ވެމްކޯއިން ސީޒަނުގެ ހުރިހާ ތަށްޓެއް ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ވެމްކޯއިން ވާދަކުރީ ކުލަބް އެމްޓީސީސީއާ ދެކޮޅަށެވެ. މި މެޗަށް ނުކުތްއިރު ވެސް، މި ސީޒަނުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވެމްކޯ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ވެމްކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެ ޓީމުން ވަނީ 25-22 އަދި 25-16 އިން ސެޓުތައް ކާމިޔާބުކޮށް ކޮންޓްރޯލް ހޯދައިފަ އެވެ. ނަމަވެސް، ތިންވަނަ ސެޓުގައި އެމްޓީސީސީން ފަސް ޕޮއިންޓުގެ ލީޑެއް ނަގައި ފަހުކޮޅާ ހަމައަށް ހިފެހެއްޓިއެވެ. އަދި 26-24 އިން މި ސެޓު ކާމިޔާބުކޮށް އެމްޓީސީސީން އުންމީދެއް ހޯދި އެވެ.

ނަމަވެސް، ހަތަރުވަނަ ސެޓުގައި ވެމްކޯއިން އަލުން އެ ޓީމުގެ ކުރީގެ ކުޅުން ތަކުރާރުކޮށް، 25-15 ގެ ބޮޑު ތަފާތަކުން މި ސެޓު ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރި އެވެ.

މިއީ ވެމްކޯއިން ޤައުމީ މުބާރާތް ވިދިވިދިގެން ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. މިއާއެކު އެ ޓީމުން ވަނީ ހަ އަހަރު ތެރޭގައި އަންހެން ވޮލީގައި ޖުމްލަ 13 ތަށި ހޯދައިފަ އެވެ. އެއީ އެސޯސިއޭޝަން ކަޕް ހަ ފަހަރު، ލީގު ދެ ފަހަރު އަދި ގައުމީ މުބާރާތް ފަސް ފަހަރެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ ތިންވަނަ ހޯދީ ހުރާ ކޮމިއުނިޓީ ކުލަބުންނެވެ. އަދި ހަތަރުވަނަ ލިބުނީ ޕޮލިސް ކުލަބަށެވެ.

މުބާރާތުގެ ވަނަތައް:

  • އެންމެ މޮޅު ކުޅުންތެރިން: ފާތިމަތު ޖޫޒާން ޒަރީރު (ވެމްކޯ)، ނަރީމާ އިދުރީސް - ނަންނި (ވެމްކޯ)، މާޔާ ހުސެއިން ސޮލާހް (އެމްޓީސީސީ)

  • އެންމެ މޮޅު ބިދޭސީ ކުޅުންތެރިން: ޑޭވިސް ޓޯމް ފެނާންޑާ (އެމްޓީސީސީ)، ވަރަންޏާ ސްރިލައޫން (ވެމްކޯ)، ކުތިކާ ކައެވްޕިން (ވެމްކޯ)

  • އެންމެ އުންމީދީ ކުޅުންތެރިޔާ: އާމިނަތު ފަރާހަތު (އެމްޓީސީސީ)

  • އެންމެ މޮޅު ކޯޗު: އަހުމަދު އަދީލް - ބޭބެ (ވެމްކޯ)

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް