އުފެއްދުންތެރިކަމުގެ މައުރަޒުގެ ފަހު ދުވަސް: ބޮޑު ތަރުހީބެއް ލިބުނު ކާމިޔާބު މައުރަޒެއް
ލިޔުންތެރިޔާ
އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން.
މިހާރު ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ފަހު ދުވަހާ ހަމައަށް އައިސްފައިވާއިރު، މިއީ އެތައް ގޮތަކުން ކާމިޔާބު އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މައުރަޒެކެވެ.
އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން، ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މައުރަޒަކީ، ދިވެހިންގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެން ދާ މައުރަޒެކެވެ. މައުރަޒުގެ ފަހު ދުވަހަކީ ހޯމަ ދުވަސް ކަަމަށްވާއިރު، ހަވީރު މައުރަޒު ކުރިއަށް ދާނީ 16:00 އިން 18:00 އަށެވެ. އަދި ރޭގަނޑު 20:00 އިން 23:00 އަށް ކުރިއަށް ދާނެ އެވެ.
މިފަހަރުގެ މައުރަޒުގައި ޘަގާފީ ނެށުމާއި، ބޮޑުބެރު އަދި އެހެނިގެން ކުޅިވަރުތައް ވެސް ކުރިއަށް ގެންދިޔަ އެވެ. ހޯމަ ދުވަހުގެ ރޭ މި މުބާރާތްތަކުގެ ނަތީޖާ އިއުލާންކޮށް، ވަނަވަނަ އަށް ދިޔަ ފަރާތްތައް އިއުލާން ކުރާނެ އެވެ. މިފަހަރުގެ މައުރަޒުގައި އޮތް ޘަގާފީ ނެށުން އަދި ބޮޑުބެރު މުބާރާތަކީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ މުބާރާތްތަކެއްކަން ފާހަގަކޮށްލެވެ އެވެ.
މައުރަޒުގެ ތަރުހީބަށް ބަލާއިރު، އެންމެ ފަހުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ، މައުރަޒަށް އެހާ ތަނަށް 205،000 އަށް ވުރެ ގިނަ ފަރާތްތަކުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާއިރު، އެއީ 41،000 މީހުންނެވެ. އެހެންކަމުން މައުރަޒުގެ ފަހު ދުވަހާ ހަމައަށް އައިސްފައިވާއިރު، އެ އަދަދުތައް ވެސް އިތުރު ވެގެން ދާނެ އެވެ.
މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ، 10 އަހަރުގެ މެދުކެނޑުމަކަށް ފަހު 2025 ވަނަ އަހަރު މިމައުރަޒާއި އެކްސްޕޯ ވިލުންތެރި ވިސްނުންތަކާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި މިހާރު ދަނީ ބާއްވަމުން ކަމަށެވެ. އަދި އަހަރުން އަހަރަށް އެކަން ކުރާ ގޮތް ވެސް ގެންދަނީ ތަރައްޤީ ކުރަމުން ކަމަށާއި، އޭގެ ބޭނުމަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ އަށް އިތުރު ކުރިއެރުން ގެނެސް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަމާޒު ކަމުގައިވާ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15 އަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި 2030 ގެ ކުރިން ހެދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި މައުރަޒުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އެކި ފަހަރު މަތިން މައުރަޒަށް ވަޑައިގެން، މައުރަޒުގައި ހުރި އެކި އެކި ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި، އުފެއްދުންތެރިންނާ ބައްދަލު ކުރައްވައިފަ އެވެ. މައުރަޒުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ 11 ގަޑިއިރަށް ވުރެ ގިނަ ވަގުތު ބައިވެރިންނާ އެކު ހޭދަކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް