ނަސްރުގެ ދުވަހު ލިބިގަންނަންވީ ފިލާވަޅަކީ ދިވެހި ޤައުމު އިސްކުރުމުގެ ފިލާވަޅު: ޑިފެންސް މިނިސްޓަރު
ލިޔުންތެރިޔާ
ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު
ނަސްރުގެ ދުވަހު ލިބިގަންނަވީ ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުގެ ފިލާވަޅު ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ނަސްރުގެ ދުވަހާ ގުޅިގެން ޑިފެންސް މިނިސްޓަރު ދެއްވި ޚާއްސަ މެސެޖެއްގައި ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދު ބަޔަކާއި، ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ދިން ހަމަލާ އަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލުމަށް ދިން ވަރަށް ނުރައްކާތެރި އުދުވާނީ ހަމަލާއެއް ކަމަށެވެ.
އެ ދުވަކީ ބިރުވެރިކަމާއި ނަމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ދުވަހެއް ކަަމަށާއި، އެއީ ދިވެހިންގެ ލޯތަކުން ކަރުނަ އޮހުނު ދުވަހެއް ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ދުޝްމަނުންގެ ހަމަލާ ތަކުން ކުށެއް ނެތް ދިވެހި 19 ރައްޔިތަކު ޝަހީދުކޮށްލައި، ހަތަރު މީހަކު ޒަޚަމުކޮށްލި ދުވަހެއް ކަމަށް ވެސް ޑިފެންސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ނަސްރުގެ ދުވަހު ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދިވެހި ޤައުމު އިސްކުރުމުގެ ފިލާވަޅު ކަމަށާއި، އެ ދުވަހު ދީނާއި ޤައުމަކަށްޓަކައި ޝަހީދުވި ހިތްވަރުގަދަ ސިފައިން ދައްކައިދިނީ އެކަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ދުވަހު އެ ބޭފުޅުން ފުރާނައިން ޤުރުބާން ވެގެން ހިމާޔަތްކޮށްދިނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ކަމަށާއި، އެ ބޭފުޅުންނަށްޓަކައި ޤައުމު އަބަދު ވެސް ފަޚުރުވެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއަދު އަޅުގަނޑުމެން ވެސް ވާން ޖެހޭނީ ޤައުމުގެ ދުޝްމަނުންނާއި ޚާއިނުންގެ ނުބައި ރޭވުންތަކުން މި ޤައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާ އެކު މަސައްކަތް ކުރާ، ދީނާއި ޤައުމު ދެކެ ލޯބިވާ ބަޔަކަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް