Article Top
ކުޅިވަރު •

ރާއްޖޭގެ ސްކޮޑް ފައިނަލް ކޮށް ޓީމު ސާފަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ރާއްޖޭގެ ސްކޮޑް ފައިނަލް ކޮށް ޓީމު ސާފަށް

ރާއްޖޭގެ ޓީމު ސާފަށް ފުރުމުގެ ކުރިން -- ފޮޓޯ/އެފްއޭއެމް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރުމަށް، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ޑާކާއަށް ފުރައިފިއެވެ.

އިއްޔެ މެންދުރު ޓީމު ރާއްޖޭން ފުރާފައި ވާއިރު، ޑާކާއަށް ދާނީ ލަންކާ ޓްރާންސިޓަށް ފަހު އެވެ. ލަންކާ އިން ބަންގްލަދޭޝް އަށް ޓީމު ފުރީ މިއަދު ހެނދުނު އެވެ.

އިންޑޮނޭޝިއާގެ ކޭމްޕް ނިންމާލުމަށްފަހު ފުރި މި ސްކޮޑުގައި، ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވާދަކުރާ 11 ޒުވާން ކުޅުންތެރިން ހިމެނެ އެވެ. އެއީ، އޮޑި ސްޕޯޓްސް ކްލަބްގެ އަހުމަދު އައިހަމް (އައިހު)، މުޒްދާން ހަސަން، މުޙައްމަދު އަޝްވާން، އަހުޒަމް ރަޝީދު (އަހޫ)، މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ)، ނައްސާހު އިބްރާހިމް ނާސިރު، ނިއު ރޭޑިއަންޓްގެ އީތަން އިބްރާހިމް ޒަކީ، މުހައްމަދު ނާއިމް، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަޙްމަދު މާއިޝް ރަޝީދު (މާއި) އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ހަސަން އީނާޒް (ބަކާ)ގެ އިތުރުން ބުރު ސްޕޯޓްސް ކްލަބްގެ އަލީ ހަމްދާން (އައްޔަ) އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ 23 ކުޅުންތެރިން:

ސަމޫހު އަލީ - ސަމުއްޓު (މާޒިޔާ)، ހުސެއިން ޝަރީފް - ހުސެން (މާޒިޔާ)، އިބްރާހިމް އައިސަމް (މާޒިޔާ)، އަހުމަދު މާއިޝް ރަޝީދު - މާއި (ވިކްޓަރީ)، އަބްދުﷲ ލޫތު އިބްރާހިމް - ސާނޭ (މާޒިޔާ)، އިބްރާހިމް ވަހީދު ހަސަން - އިއްބެ (އޮޑި)، އަލީ ހަމްދާން - އައްޔަ (ބުރު)، އަލީ ފާސިރު - ސެންޓޭ (ނިއު)، އަހުމަދު އައިހަމް - ފަތޯ (މާޒިޔާ)، ހުސެއިން ސިފާއު ޔޫސުފް - ކުރޯ (ވިކްޓަރީ)، ހަސަން އީނާޒް - ބަކާ (ޓީސީ)، ނިޝާމް މުހައްމަދު ރަޝީދު - ޕޮގްބާ (މާޒިޔާ)، މުހައްމަދު އަޝްވާން (އޮޑި)، އަމްދާން އަލީ - އެންޑީ (ނިއު)، އިބްރާހިމް މަހުދީ ހުސެއިން - ފޭދޫ އިއްބެ (މާޒިޔާ)، އަހުމަދު އައިހަމް - އައިހު (އޮޑި)، މުޒްދާން ހަސަން (އޮޑި)، ނައްސާހު އިބްރާހިމް ނާސިރު (މާޒިޔާ)، އަހުޒަމް ރަޝީދު - އަހޫ (އޮޑި)، މުހައްމަދު ނާއިމް (ނިއު)، އީތަން އިބްރާހިމް ޒަކީ (ނިއު)، މުހައްމަދު ޝަފީއު - ޗެކް (ވިކްޓަރީ)، ނާއިޒު ހަސަން - ދާދު (ވިކްޓަރީ)

މި ކުޅުންތެރިންގެ ތެރެއިން އަހޫ އާއި ނައްސާހު އަދި އީތަން ވަނީ މިއަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އަދި 2021 ވަނަ އަހަރުގެ ސާފް މުބާރާތުގެ ކުރިން ގަތަރު ކޭމްޕުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ފުރުސަތު ގެއްލުނު ނާއިމް ވަނީ މިފަހަރު ފައިނަލް ސްކޮޑުން ޖާގަ ކަށަވަރުކޮށްފަ އެވެ. ޓްރެއިނިން ކޭމްޕުން އެންމެ ފަހު ވަގުތު ސްކޮޑުން ބާކީވީ ތޯއިފް ޤާސިމް (ތޯއްޕެ) އެވެ.

ސަމޫހު އަލީ (ސަމުއްޓެ) ގެ ކެޕްޓަންކަމުގެ ދަށުން ނުކުންނަ ދިވެހި ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ، ހަތް ވަނަ ސާފް މުބާރާތް ކުޅޭ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ގަވައިދުން ސާފް މުބާރާތްތަކުގައި ކުޅެމުންނެވެ. މީގެއިތުރުން، ތަޖުރިބާކާރު ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ވަނީ 2015 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސާފް ސްކޮޑުން ޖާގަ ހޯދައިފަ އެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރީ ހަންގޭރީގެ އިސްޓަވާން އުރްބާނީއެވެ. މިއީ އޭނާ ރާއްޖެއާ ހަވާލުވި 3 ވަނަ ފަހަރެވެ. އުރްބާނީގެ ކޯޗުކަމުގެ ދަށުން ރާއްޖެ ވަނީ 2009 ގެ ސާފް ފައިނަލް ކުޅެ، 2011 އަދި 2013 ގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. ނަމަވެސް، މި އަހަރުގެ ކުރީކޮޅު އަލުން ހަވާލުވި ފަހުން ސީނިއާ އަދި 20 އަހަރުން ދަށުގެ ޓީމާއެކު އޭނާ ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި ދެ ފަހަރު ހޯދާފައިވާ ރާއްޖެ ހިމެނެނީ އިންޑިއާއާއި ޕާކިސްތާނާއެކު ގްރޫޕް ބީގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅޭއިރު، އަންނަ ބުދަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް