ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ލިޔުންތެރިޔާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
ޖޭއެސްސީ އިން ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ފޯމު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ. ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭއިރު، ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ، އެ ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ފަނޑިޔާރު އަލްއުސްތާޛް އަލީ ރަޝީދު ރިޓަޔާ ކުރައްވަން ނިންމެވުމުންނެވެ. އަމިއްލަފުޅަށް ރިޓަޔާ ކުރައްވަން ފަނޑިޔާރު އަލީ ރަޝީދު ހުށަހަޅުއްވިއިރު، ޖޭއެސްސީ އިން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަލީ ރަޝީދު ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމަށެވެ.
އަލީ ރަޝީދާ އެކު ސުޕްރީމް ކޯޓުގައި ބެންޗުގައި ތިއްބަނީ ހަ ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު އާއި، ފަނޑިޔާރު ޑޮކްޓަރު މުޙައްމަދު އިބްރާހީމް އާއި، ފަނޑިޔާރު ޙުސެއިން ޝަހީދު އާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް