Article Top
ޚަބަރު •

ބީއެމްއެލްގެ އައު ހެޑް އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބީއެމްއެލްގެ އައު ހެޑް އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭގައި ހުންނަ ބީއެމްއެލްގެ އޮފީސް އިމާރާތް.

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު ހެޑް އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އެ ބޭންކުން އިއުލާން ކޮށްފި އެވެ.

ބީއެމްއެލްގެ އައު ހެޑް އޮފީސް އިމާރާތް ކުރުމަށް ނިންމާފައި ވަނީ ހުޅުމާލާގެ ފޭސް އެކެއްގައި އެވެ. މިއީ 14 ފަންގިފިލާ އަށް އިމާރާތް ކުރާ އޮފީހެކެވެ. މި އޮފީސް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ލޮޓް ނަންބަރު 11824 ގައި އެވެ. ބީއެމްއެލް އިން ވަނީ އެ އިމާރާތް ޑިޒައިން ކުރުމާއި، އިމާރާތް ކުރުން އަދި ފައިނޭންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލާފައި އެވެ. މިއީ 2،648.40 އަކަ މީޓަރުގެ ބިމެއްގައި އިމާރާތް ކުރާ އޮފީހެކެވެ.

މި އިމާރާތުގައި ބޭސްމަންޓް ލެވެލްގެ ދެ ފްލޯ ހިމެނެ އެވެ. އަދި އިމާރާތުގެ އެންމެ ތިރީ ފްލޯ، ނުވަތަ ގްރައުންޑް ފްލޯ ބޭނުް ކުރާނީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމާއި، މުވައްޒަފުންގެ ބޭނުންތަކަށެވެ. މި އިމާރާތުގައި އެންމެ މަދުވެގެން 60 ކާރު އަދި 400 ސައިކަލު ޕާކު ކުރެވެން ހުންނަން ޖެހޭއިރު، 12 ވަނަ ފްލޯގައި ހުންނާނީ ބަގީޗާ ޓެރަސް އެކެވެ. އޭގެ މަތިން 13 ވަނަ ފްލޯ އާއި 14 ވަނަ ފްލޯ އަކީ އެގްޒެކެޓިވް ފްލޯ ތަކެވެ. މި އިމާރާތުގެ ފުރާޅުގައި ސޯލާ ހަރުކުރަން ޖެހޭނެ ކަަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައި އެވެ.

މި މަޝްރޫއަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން ހުށަހަޅަން ޖެހޭ އެންމެ ފަހުގެ މުއްދަތަކީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 16:00ގެ ކުރިންނެވެ. މި މަޝްރޫއު ކުރިއަށް ގެންދާ ފަރާތުން، މަޝްރޫއު ނިމެންދެން ހުރިހާ ޒިންމާއެއް ނަގަން ޖެހޭއިރު، މަޝްރޫއުގެ ފައިނޭންސިން ވެސް ހޯދަން ޖެހޭނީ އެ ފަރާތަކުންނެވެ. ފައިނޭންސިން ހޯދަން ޖެހޭނީ، ބީއެމްއެލް ނޫން ބޭރުގެ އެހެން ވަސީލަތެއް މެދުވެރިކޮށް އެމެރިކާ ޑޮލަރުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް