ރަޝިޔާގެ ފައިސާ ބަލައި ގަތުން ހުއްޓާލި ކަމަށް ބުނެ ދައުރު ކުރަނީ ދޮގު ޚަބަރެއް: ބީއެމްއެލް
ލިޔުންތެރިޔާ
ބީއެމްއެލް.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަޝިޔާ އަށް ފައިސާ ފޮނުވުމާއި، އެ ޤައުމުގެ ފައިސާ ބަަލައި ގަތުން ހުއްޓާލާފައިވާ ކަމަށް ބުނެ ދައުރު ކުރަނީ ދޮގު ޚަބަރެއް ކަމަށް އެ ބޭންކް އިން ބުނެފި އެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާ އަށް ފައިސާ ފޮނުވުމާއި، އެ ޤައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަ ތަކެއް ކަމަށެވެ.
މީގެ އިތުރުން އެކަމާ ގުޅޭ ގޮތުން ބޭންކުގެ ފަރާތުން މީޑިއާ އަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައި ނުވާނެ ކަަމަށް ވަނީ ވިދާޅުވެފައި އެވެ. ބޭންކް އޮފް މޯލްޑިވްސް އިން ރަޝިޔާ އިން ފޮނުވާ، ނުވަތަ އެ ޤައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ޚާއްސަ ސިޔާސަތެއް ކަނޑައަޅާފައި ނުވާނެ ކަަމަށް ވެސް އެ ބޭންކުގެ ސްޕޯކްސްޕާސަން ވިދާޅުވެފައިވެ އެވެ.
އެހެން ބޭންކު ތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ޚާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލް އިން ބަރޯސާވަނީ ބައިނަލްއަޤުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަަމަށް އެ ޕޯސްޓުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެ ބޭންކު ތަކުން އަމަލު ކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި، ކޮމްޕްލަޔަންސް ސިޔާސަތު ތަކަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އޭގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީން ކުރުން ހިމެނޭ ކަމަށް ފާހަގަކޮށްފައިވެ އެވެ. މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކު ތަކުން ބަލައި ނުގަތުމަކީ، ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެހެންކަމުން އެފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކު ތަކަށް ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ. އަދި ބީއެމްއެލް އިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭ ކަމަށާއި، އެފަދަ ހަގީގަތާ ޚިލާފު ޚަބަރު ތަކުން ރާއްޖޭގެ ޓޫރިޒަމާއި އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބޭންކުން ދެކޭ ކަމަށް ވެސް ވަނީ ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް