Article Top
ޚަބަރު •

އެފްޑަބްލިއު އިން އަޅާ 182 ފްލެޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެފްޑަބްލިއު އިން އަޅާ 182 ފްލެޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 182 ހައުސިން ޔުނިޓުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. - ފޮޓޯ / ފަޔާޒް މޫސާ / މިހާރު

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 182 ހައުސިން ޔުނިޓުގެ ފައުންޑޭޝަން އަޅައި، ކޮންކްރީޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހާމަކޮށްފިއެވެ.

މިމަހުގެ 5 ވަނަ ދުވަހު އެ މަޝްރޫއުގެ ދަށުން އަމީން ކޮންސްޓްރަކްޝަންއިން އަޅާ 364 ހައުސިން ޔުނިޓުގެ ފައުޑޭޝަންގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ބީއެމްއެލް މެދުވެރިކޮށް ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢުގެ ދަށުން، މިވަގުތު ވެސް މާލެ ސިޓީގައި 3,260 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް އެކި ކުންފުނިތަކުން ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 4,260 ޔުނިޓް އެކި ފަރާތްތަކާ ޙަވާލުކޮށްފައިވާއިރު، އެ އެޕާޓްމަންޓްތަކުގެ ބިންގާ އަޅާފައިވަނީ 2026 މާރިޗު 31 ގައެވެ.

ހުޅުމާލެ ފޭސް 1 ގައި އެފްޑަބްލިއު ކޮންސްޓްރަކްޝަނުން 182 ޔުނިޓް އަޅަމުންދާއިރު، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިތުރު 364 ޔުނިޓެއްގެ މަސައްކަތް ވެސް އެ ފޭސް 1 ގައި އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ވިލިމާލޭގައި އަޅާ 300 ހައުސިންގ ޔުނިޓުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ (އާރްސީސީ) އާ ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ހުޅުމާލެ ފޭސް 3 ގެ މަސައްކަތްތައް ބޭރުގެ ދެ ކުންފުންޏަކާއި ރާއްޖޭގެ ހަތަރު ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން ޗައިނާގެ ސީއެމްއީސީން 1,224 ޔުނިޓް އަދި ބީޔޫސީޖީން 1,190 ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އެސްޖޭ ކޮންސްޓްރަކްޝަން، ވަން ރިއަލިޓީ އަދި މެޑްޓެކް ޖޭވީ، އާރްސީސީ، އަދި ފްލެކްސިން ހިމެނޭ ކޮންސޯޓިއަމުން ކޮންމެ ފަރާތަކުން 250 ޔުނިޓް ތަރައްޤީކުރާނެއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ހުރިހާ ހައުސިންގ ޔުނިޓްތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް، ނުވަތަ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމައިލެވޭނެއެވެ. މިއީ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ޢަމަލީ މަސައްކަތް ފަށައި، ފުރިހަމަކޮށް ރައްޔިތުންނާ ޙަވާލުކުރެވޭނެ ފުރަތަމަ މަޝްރޫޢު ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް