މޯލްޑިވްސް ޓީ10 ބްލާސްޓް ފަށައިފި
ލިޔުންތެރިޔާ
2022 ޓީ10 ބްލާސްޓްގެ ފައިނަލްމެޗުގެ ތެރެއިން -- ފޮޓޯ/ސީބީއެމް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް ޓީ10 ބްލާސްޓް މިދިޔަ ހަފްތާ ބަންދުގައި ފަށައިފި އެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރަނީ ޕްރިމިއާ ލީގުގައި ހިމެނޭ 6 ޓީމެކެވެ. އެއީ އެމްއެސްސީ، ސީބީއެލް، ނިއު ސްޓާ، އަނާކީ، އެމްއެސް ހެލްޕިން ހޭންޑް އަދި ކޮމެޓްސް އެވެ.
އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ކޮންމެ ހަފްތާ ބަންދެއްގެ ދެ ދުވަހު، ކޮންމެ ދުވަހަކު ތިން މެޗު ކުޅޭ ގޮތަށެވެ.
ލީގު ބުރުގެ މެޗުތަކަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭ އިރު، ސެމީ ފައިނަލް މެޗުތައް ނޮވެމްބަރު 14 ވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 21 ވަނަ ދުވަހުގެ ހަވީރު 15:00 ގައެވެ.
އެންމެ ފަހުން ޓީ10 ބްލާސްޓް ބާއްވާފައިވަނީ 2022 ވަނަ އަހަރެވެ. އެ އަހަރުގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކަޑަމީ އެވެ. އޭގެފަހުން 2023 ގައި ޓީ10 ބްލާސްޓް ކުރިއަށް ގެންގޮސްފައި ވަނީ 16 އަހަރުން ދަށުގެ އުމުރުފުރާއަށެވެ. އެ މުބާރާތުގެ ފައިނަލްގައި ބްލޫ ޓީމާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ގްރީން ޓީމެވެ.
ފާއިތުވި ދެ އަހަރު ޓީ10 ސްމޭޝް ކުރިއަށްގެންގޮސްފައިވާއިރު، ދެ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސީބީއެލް ސްޕޯޓްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް