Article Top
ޚަބަރު •

ޚިދުމަތުގައި ތިބޭ ސިފައިންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް ބަނޑޭރި ކޮށި ތަރައްޤީ ކުރަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޚިދުމަތުގައި ތިބޭ ސިފައިންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް ބަނޑޭރި ކޮށި ތަރައްޤީ ކުރަނީ

ބަނޑޭރި ކޮށި - ފޮޓޯ/ޕީއެސްއެމް

ޚިދުމަތުގައި ތިބޭ ސިފައިންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް ބަނޑޭރި ކޮށި ތަރައްޤީ ކުރަން ނިންމައިފި އެވެ.

އެމްއެންޑީއެފް އިން ބުނެފައި ވަނީ ސިފައިންނަކީ، ޙާލަތާއި ވަގުތާއި ތަނަށް ރިއާޔަތްކޮށް އާއިލާއާ ދުރުގައި ރެޔާއި ދުވާލު ޤައުމީ ޚިދުމަތުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ބަޔަކަށް ވުމާ އެކު، ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ފޯރުކޮށްދޭ ވެލްފެއާގެ ޚިދުމަތްތައް ރަނގަޅުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ސަމާލު ކަމެއް ދެއްވާ ކަމެއް ކަމަށެވެ.

Advertisement
Article Inside

މިގޮތުން ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް އިން ޚާއްޞަ އިސްކަމެއް ދީގެން މި ވަގުތު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައި އެވެ.

ސިފައިން ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުޅާވެ ތަރައްޤީވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އެ ޚިދުމަތާ ގުޅެމުންދާ ސިފައިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ނިސްބަތް އިތުރުވުމުގެ ސަބަބުން، ސިފައިންނާއި ސިފައިންގެ އާއިލާ ތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ސިފައިންނަށް އަމާޒު ކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް މި އަހަރުގެ ސިފައިންގެ ދުވަހު ރައީސް މުޢިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.

މިގޮތުން ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރި ކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް، ވީހާވެސް ގިނަ އަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް، ޚިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެ ގޮތަށް ގިނަ އެޕާޓުމަންޓު ތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

މީގެ އިތުރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބަނޑޭރި ކޮށި ހުސްކުރަން ޖެހޭތީ، އެކަން ކުރުމުގައި އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަ ކުރުމަށް ޓަކައި، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެގޮތުން ފުރަތަމަ ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރި ކޮށި 1 ތަރައްޤީ ކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ފަރާތުން ވަމުން އަންނަ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބަނޑޭރި ކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީ ގޮތުން ދިރިއުޅުމަށް ޓަކައި ދޫކުރެވިފައިވާ އެޕާޓްމަންޓުތައް ހުސްކުރުމުގެ ކުރިން، އެ ފަރާތްތަކަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް، އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑު އަހައި، ޙައްލުތައް ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމައެހެންމެ އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރޭވިފައި ވަނީ ބަނޑޭރި ކޮށި 1 ތަރައްޤީކުރެވުމާ އެކު، މިހާރު ބަނޑޭރި ކޮށި 1 ގައި ދިރިއުޅެމުން ދާ ފަރާތްތައް، އަލަށް ތަރައްޤީ ކުރެވޭ އެޕާޓުމަންޓު ތަކަށް ބަދަލުކުރާ ގޮތަށް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ މަޝްރޫއު ނިމޭއިރު މިހާރު ބަނޑޭރި ކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ރައީސްގެ އަމާޒަކީ 2040 އަންނަ އިރު ސިފައިންނަކީ ވަސީލަތްތައް ފުރިހަމަވެފައިވާ، ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ދެވޭ ފެންވަރަށް ރައްޔިތުންނަށް ސިފައިން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް