Article Top
ޚަބަރު •

މަސްމާރުކޭޓެއް ހިމެނޭ ގޮތަށް، ބާރަށުގައި ބަނދަރު ތަރައްޤީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މަސްމާރުކޭޓެއް ހިމެނޭ ގޮތަށް، ބާރަށުގައި ބަނދަރު ތަރައްޤީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ.ބާރަށުގައި މަސްމާރުކޭޓެއް ހިމެނޭ ގޮތަށް ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީ އާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން.

ހއ.ބާރަށުގައި މަސްމާރުކޭޓެއް ހިމެނޭ ގޮތަށް ބަނދަރު ތަރައްޤީ ކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޙަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

Advertisement
Article Inside

އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ބާރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބާރަށުގެ ލޮބުވެތި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 2 ވައުދެއް އެއް މަޝްރޫއަކުން ފުއްދުމުގެ މަސައްކަތް ފެށުނު ތާރީޚީ ދުވަސް ކަމަށް ވިދާޅުވެފައިވެ އެވެ.

މެމްބަރު ޝުޖާއު ވިދާޅުވީ، މިހާރު ބާރަށުގައި އޮތް ޖެޓީގެ އާބާތުރަ ފިލުވައި ވަކިން މަސްވެރިންނަށް މަސް ޖެޓީއެއް އަޅައި ދެއްވުމަކީ ރައީސްގެ ވައުދެއް ކަމަށެވެ. އެހެން ނަމަވެސް، މިހާރު އޮތް ޖެޓީ މަރާމާތު ކުރުމަށް ހެދި ސާވޭ އިން، ޖެޓީގެ ތަނބުތައް ފަޅައިގެން ގޮސްފައި ހުރުމުގެ ސަބަބުން އެއީ މަރާމާތު ކުރެވޭ ވަރަށް ވުރެ ބޮޑު މަސައްކަތަކަށް ވުމާ އެކު ރައްޔިތުންގެ އެދުމުގެ މަތިން އެ މަސައްކަތް ބަނދަރަކަށް ބަދަލުކޮށް، ބަނދަރުގައި މަސްމާރުކޭޓެއް ހިމެނޭ ގޮތަށް ތަރައްޤީ ކޮށްދިނުމަށް ރައްޔިތުންގެ ފަރާތުން އެދުނު ކަމަށް ފާހަގަކުރެއްވި އެވެ.

އެއާއެކު، އެ މަސައްކަތް ލަސް ނުކޮށް ފައްޓައި މިއަދު މިއީ އެމަސައްކަތުގެ އަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލު ކުރެވުނު އުފާވެރި ދުވަސް ކަމަށް މެމްބަރު ޝުޖާއު ވިދާޅުވި އެވެ.

އެ ބަނދަރު ވެގެންދާނީ ވަސީލަތް ހަމަ ބަނދަރަކަށް ކަމަށާއި، މަޝްރޫއު ނިމޭއިރު ރައްޔިތުން އެދިފައިވާ ގޮތަަށް (ލޭންޑިން ކްރާފްޓް ކައިރި ކުރެވޭ ސަރަހައްދަކާއި، މުދާ އަރުވާ ބޭލުމަށް ޚާއްސަ ސަރަހައްދަކާއި، މަސްމާރުކޭޓަކާއި، މަސްވެރިންގެ ޑިންގީތައް ޕާކު ކުރާނެ ސަރަހައްދެއް އަދި ރަސްމީ ފާލަމެއް)ހިމެނޭނެ އެވެ. އަދި އެ ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް ބޭރު ތޮށި ލާއިރު ސޭންޑްފިލްކޮށް، ބޭރު ތޮށީގައި ރުއްގަސް އިންދޭނެ ޖާގަ އޮންނާނެ އެވެ. ބަނދަރާއި ބޭރުތޮށި ގުޅާލެވި، އޯވާ ބުރިޖަކުން ބޭރު ތޮއްޓަށް ސައިކަލުގައި ދެވޭނެ ގޮތަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް