އުއްތަމަ ފަނޑިޔާރުގެ އިނާޔަތް ބޮޑު ކުރަން މާލިއްޔަތު ކޮމެޓީ އިން ފާސްކޮށްފި
ލިޔުންތެރިޔާ
އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު.
އުއްތަމަ ފަނޑިޔާރަށް ލިބިލައްވާ އިނާޔަތް އިތުރު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީ އިން އެހެން ފާސްކޮށްފައި ވަނީ އަންގާާރަ ދުވަހުގެ ހެނދުނު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެވެ. އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިނާޔަތް މުރާޖައާ ކުރުމަށް ކޮމެޓީ އަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙު އެވެ.
ކޮމެޓީ އިން ވަނީ އުއްތަމަ ފަނޑިޔާރަށް އެލަވަންސްގެ ގޮތުގައި 4125 ރުފިޔާ އިތުރު ކުރުމަށް ނިންމައިފަ އެވެ. މިއާ އެކު، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރަ އަކީ 95،125 އެވެ. ޝަރޫއީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، މިހާތަނަށް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަނީ 91،000 ރުފިޔާ އެވެ.
ކޮމެޓީ އަށް މެމްބަރު މަމްދޫޙު ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެމްބަރު ޢަބްްދުﷲ ޝަރީފް އެވެ. ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކޮށްފައިވާއިރު، މެމްބަރު މަމްދޫޙު ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އެއްވަރުގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ދިނުމަށް ހުށަހެޅުއްވި ހުށަހެޅުމެއް ކަމަށެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ވަނީ މަޖިލީހުގެ ރައީސްގެ މުސާރަ 95،125 އަށް ބޮޑު ކުރަން ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް