އޭއައި ބޭނުން ކުރަންވާނީ އިންސާނީ ވިސްނުން ކުރިއެރުވުމަށް: މިނިސްޓަރު ހީނާ
ލިޔުންތެރިޔާ
މިނިސްޓަރު ހީނާ ވަލީދު.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުން ކުރަންވާނީ އިންސާނީ ވިސްނުން ކުރިއެރުވުމަށް ކަމަށާއި، އިންސާނުންގެ މެދުގައި އޮންނަ ތަފާތު ކުރުންތަކާއި ނުރަނގަޅު ތަސައްވުރު ފެތުރުމަކަށް ނޫން ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ 2026 އޮކްޓޫބަރު 27 ގައި އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ފެށި "7 ވަނަ ވޯލްޑް ފޯރަމް އޮން އިންޓަކަލްޗަރަލް ޑައިލޮގް" ގެ ތެރެއިން ބޭއްވި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ ހައި ލެވެލް 3 ވަނަ ބައްދަލުވުމާއި، ބާކޫ ޕްރޮސެސްގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްސަ ޖޮއިންޓް ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ.
އޮކްޓޫބަރު 27 އިން 29 އަށް "ޑައިލޮގް ފޯ އަ ޝެއާޑް ފިއުޗާ: ބިލްޑިން ބްރިޖަސް އިން އަ ފްރެކްޗާޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގައި ބަޔާން އިއްވަވަމުން މިނިސްޓަރު ހީނާ ވަނީ، އޭއައިގެ ވަސީލަތްތަކަކީ އެކަކު އަނެކަކަށް އޮންނަ ވިސްނުމާއި އިޙުތިރާމް އިތުރުކޮށްދޭ، އަދި ސަގާފީ ތަފާތުތަކަށް އިޙުތިރާމްކުރާ ވަސީލަތްތަކަކަށް ހެދުމަށް ގޮވާލައްވާފައި އެވެ. އަދި އޭއައި މެދުވެރިކޮށް ނުރަނގަޅު ތަސައްވުރު ފެތުރުން ހުއްޓުވުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ފުރިހަމަނުވާ މައުލޫމާތާއި ތާރީޚީ ތަފާތު ކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އޭއައި ނިޒާމުތަކުގެ ސަބަބުން، މީހުންގެ މެދުގައި އޮންނަ ނުރަނގަޅު ވިސްނުންތަކާއި ތަސައްވުރު އިހުނަށްވުރެ ބޮޑަށް ފެތުރިގެން ދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ހަމައެކަނި ފަންނިއްޔަތުގެ ގުޅުންތައް އިތުރުވުމަކީ އޭގެ ޒާތުގައި އިޙުތިރާމް އުފެދޭނެ ކަމެއް ނޫން ކަމަށާއި، ފަންނިއްޔާތާއެކު ފުންކޮށް ވިސްނުމާއި، ޒިންމާދާރުކަމާއެކު ބޭނުން ކުރުމާއި، މާނަހުރި ސަގާފީ މުޢާމަލާތްތައް ބޭނުންވާނެ ކަމަށް އަލިއަޅުއްވާލެއްވި އެވެ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރާއި، 2040 ވަނަ އަހަރަށް ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އިޤުތިޞާދީ ކުރިއެރުމާ އެކު ފަންނިއްޔާތުގެ ކުރިއެރުންތަކަކީ ހޭލުންތެރި، ބައިވެރިވުން އޮންނަ، އަދި އިޙުތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ޑިޖިޓަލް ނިޒާމުތަކުގައި އެކި މުޖުތަމައުތަކާއި ބަސްބަސް ހަމަހަމަކަމާއެކު ތަމްސީލުވާން ޖެހޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ "ޑިޖިޓަލް މުސްތަޤުބަލުގައި ބަހަކަށް އޮންނަ މަޤާމަކީ ހަމައެކަނި އެ ބަސް ބޭނުންކުރާ އާބާދީ ކުޑަ ބޮޑު މިނުގެ މައްޗަށް ބިނާވެފައި އޮންނަން ޖެހޭނެ ކަމެއް ނޫން" ކަމަށެވެ. އަދި ދިވެހި ބަސް ހިމެނޭހެން ފަންނިއްޔާތަށް އަންނަ ބަދަލުތަކުގައި ދިވެހީންގެ އިލްމާއި ބައިވެރިވުން އޮންނަން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ރޮނގުން ވާހަކަ ކުރިއަށް ގެންދަވަމުން، އާބާދީ ކުޑަވި ނަމަވެސް މުސްތަޤުބަލު ބައްޓަން ކުރުމުގައި ރާއްޖެ އަށް އޮތް ޙައްޤު ހަމަހަމަވާނެކަން ހާމަކުރައްވައި، ސަރުކާރުތަކާއި، ފަންނިއްޔާތު އުފައްދާ ފަރާތްތަކާއި، ތަޢުލީމީ އިދާރާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ. އަދި އޭއައި އިން އުފައްދާ މައުލޫމާތު ވަޒަންކޮށް، އޭގެ އުނިކަންކަން ދެނެގަތުމަށް ތައުލީމީ ނިޒާމުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް