ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް ފަށައިފި
ލިޔުންތެރިޔާ
ޒަކާތު ކޮންފަރެންސް 2026 ގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ފަށައިފިއެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ފެށު އެ ކޮންފަރެންސް އަކީ ދީނީ އިލްމުވެރިންނާއި، ދައުލަތުގެ ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކާއި، އިސްލާމިކް ފައިނޭންސް ދާއިރާގެ ފަންނީ މާހިރުން އަދި މި ދާއިރާގައި އަމަލީ ގޮތުން ހަޙަރަކާތްތެރިވާ ފަރާތްތައް އެއްތަނަކަށް އެއްވެ،
ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، މި ޒަމާނުގައި ކުރިމަތިވަމުންދާ އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާކުރުމުގެ މަގުސަދުގައި ބާއްވާ ހާއްސަ ބައްދަލުވުމެކެވެ.
އެ ކޮންފަރެންސްގައި މޯލްޑިވްސް ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ 2026-2028) ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.
އެ އެކްޝަން ޕްލޭނަކީ އެކްޝަން ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ޒަމާނީކޮށް ހަރުދަނާކުރުމަށާއި، ޒަކާތް ދެއްކުންތެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން، އުފެއްދުންތެރި ޒަކާތުގެ މަޝްރޫއުތައް ފުޅާކުރުމަށް އިސްކަންދީގެން އެކުލަވައިލާފައިވާ ޕްލޭނެކެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ހިތާބެއް ވެސް ވަނީ އިއްވައިފައެވެ. މިނިސްޓަރު ޝހީމަށް އެ ފޯރަމްގައި ބައިވެރިވެނުލެއްވުނީ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ.
އަމީޒާ ވަނީ އެ ރަސްމިއްޔާތުގައި ވާހަކަދައްކަވައިފައެވެ. އޭނާގެ ވާހަކައިގައި އިޖުތިމާޢީ ނާޒުކު ޙާލަތްތަކަށް ޙައްލު ހޯދުމަށާއި، ފަޤީރުކަން ނައްތާލުމަށާއި، އަދި އެންމެން ޝާމިލުވާ، ވިލުންވެރި ދިވެހި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް